ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

އާޒިމް ވިދާޅުވީ، އެ ރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހައެއް ނޫނީ އަށް މަސް ތެރޭގައި އެރަށަށް ޕިކްނިކްދެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 41.4 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އަށް ހެކްޓަރުގެ ބިން ހިއްކައި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އަކާއި 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް ޖަހާނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުން މާލެއާ 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކާނެ އެވެ. އެއީ އަށް ހެކްޓަރުގެ ޕިކްނިކްއައިލެންޑްއަކާއި ސޭންޑްބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.

މި މަޝްރޫއަށް ބޭނުންވާ ވެލި ނެގުމަށް ހަމަޖެހިފައި ވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. އެއީ މިހާރުވެސް ގިނަ ބިންހިއްކުމުގެ މަޝްރޫއު ތަކަށް ވެލި ނަގަމުންދާސަަރަހައްދެކެވެ. އަދި މި މަޝްރޫއަށް ޖުމުލަ 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.