ށ. މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންނަށް ލާފައި ވަނީ މިރޭ 18:52 އިން ފެށިގެންނެވެ.
މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް "ތިލަދުން"އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ ބަލީގެ އަލާމާތް ހުރެގެން ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ބައެއްގެ ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލެއް ކަމަށެވެ.
"ޕޮޒިޓިވްވީ ބޮޑު މީހަކާއި ތިން ކުޑަ ކުދިން، މިހާރު ރަށުގެ ޓާސްކް ފޯސް ބައްދަލުކޮށް ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް މިދަނީ ކުރަމުން" އާތިފް ވިދާޅުވިއެވެ.
މޮނިޓަރިން ހާލަތުގައި އޮންނަ ރަށްތަކުގައި ދިރިއުޅޭ މީހުން އަމަލު ކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެރަށުގައި ދިރިއުޅޭ މީހުން އަމަލުތައް ބަހައްޓާތޯ މޮނިޓަރކޮށް ދިނުމަށް އެރަށުގައި ތިއްބަވާ ފުލުހުންގެ ކިބައިން ވެސް މިހާރު އެދިފައިވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.
ކޯވިޑްގެ ސަބަބުން މީގެ ކުރިން ވެސް މިލަންދޫ ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. މިގޮތުން މިދިޔަ މޭ މަހުވެސް އެރުން ކޯވިޑް ފެނިގެން ވަނީ މޮނިޓަރިންނަށް ލާފައެވެ. އެފަހަރު އެރަށް 21 ދުވަސް ވަންދެން މޮނިޓަރިން ހާލަތުގައި އޮތެވެ.
ކޯވިޑް ފެނިގެން މިލަންދޫ މޮނިޓަރިން ހާލަތަށް ގެނެއިއިރު، މިލަންދޫ ހިމެނޭ ށ. އަތޮޅުގެ ފީވައް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!