ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ.
ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް "ތިލަދުން"އަށް ވިދާޅުވީ، އެ އިމާރާތުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިރޭ ގާތް ގަނޑަކަށް 10 ޖަހާކަށް ހާއިރު ކަމަށް ވެސް ރައިޝަމް ލަފާ ކުރައްވައެވެ.
"މިތަނުގައި މީހަކު ނޫނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ނޫނީ އަލިފާން ރޯވާނެ ގޮތެއް ނޯންނާނެ" ރައިޝަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރޯވެފައި ވަނީ ބާ ސްކޫލްގެ އޮފީސް ބަޔާއި، ކްލާސް ރޫމް ތަކެއްގައި ކަމަށެވެ. އެތަނަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިހާރުގެ ސްކޫލަށް އިތުރުކުރާ ބައި އިތުރުކޮށް ނިމުނީމައި މި އިމާރާތް ކައުންސިލާއި ހަވާލުކުރާ ގޮތަށް އޮތީ، އަޅުގަނޑުމެން ނިންމާފައި ވާނީ މި އިމާރާތުގެ އާބާތުރަ ފިލުވާފައި ފުލުހުންގެ ޚިދުމަތުގެ ބޭނުމަށް ފުލުހުންނާއި މިތަން ހަވާލުކުރަން" ރައިޝަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ އިމާރާތުގައި ރޯވި އަލިފާން ނިންވާލުމަށް މިހާރު ހދ. ކުޅުދުއްފުށިން ފުރައިގެން އެމްއެންޑީއެފް ޓީމެއް އެރަށަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
https://thiladhun.wonstasite.com/49297
މީގެ 8 މަސް ކުރިން ވެސް ވަނީ ފޭދޫ ބާ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެފަހަރު ރޯވީ އެރަށުގެ ބާ ސްކޫލްގެ ވަކިންހުރި ދެ ކްލާސްރޫމްގެ ތެރެއިން ކްލާސް ރޫމެއްގައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވެސް ވަނީ ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!