މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފިއެވެ.
މި ދަތުރު މިނިސްޓަރުގެ އަރިހުގައި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ފަންނީ އެހީތެރިކަން ފޯރުކޮށް ދެމުންއަންނަ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިފާޑްގެ ކަންޓްރީ ޑައިރެކްޓަރު މިސިޒް ޝީރީން ތަބައްސުމް ބައިވެރިވެ ވަޑައިގަތެވެ.
މީގެއިތުރުން ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ނާޝިދުއާއި، އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ދަތުރުގައި މިނިސްޓަރު ޒިޔާރަތް ކުރައްވާފައި ވަނީ ހދ. ހަނިމާދޫގައި ހުންނަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށާއި، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ ހއ. މާފައްސާއި، ހދ. ތީފަރިދޫގެ އިތުރުން ދަނޑުވެރި ދެ ރަށް ކަމަށްވާ ހދ. ވައިކަރަދޫއަށާއި، ނޭކުރެންދޫ އަދި ހއ. މުރައިދޫއަށެވެ.
Minister Dr. Hussain Rasheed Hassan is excited to see the small island community of Ha. Muraidhoo utilizing the limited land available for agricultural production pic.twitter.com/PK0dkp2tpX
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) August 22, 2021
މި ދަތުރާއި ގުޅިގެން މައުލޫމާތު ހޯދުމަށް ދަންނަވާލުމުން ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ނާޝިދު "ތިލަދުން"އަށް ވިދާޅުވީ، މިނިސްޓަރުގެ މި ދަތުރަކީ ޒިޔާރަތްކުރެއްވި ރަށްރަށުގެ ދަނޑުވެރިންގެ އަޑު އައްސަވާ، ސަރުކާރުން ވެވެން ހުރި އެހީތެރިކަން ދެނެގަނެގަތުމަށާއި، އެރަށްތަކުގައި ކުރެވޭ ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރެއްކަމަށެވެ.
"ދަތުރުގެ އެންމެ އިސް އަމާޒެއް އޮތީ ހަނިމާދޫ އެގްރިކަލްޗަރު ސެންޓަރަށް، އެ ސެންޓަރުގެ މަސައްކަތް ފުޅާ ކުރުމުގެ ވިސްނުން މިނިސްޓަރު ގެންގުޅުއްވާ، އަދި އެ ސެންޓަރު އިތުރު ހަރުފަތަކަށް ގެންދިޔުމަކީ މިނިސްޓަރުގެ އަމާޒެއް" ނާޝިދު ވިދާޅުވިއެވެ.
Minister Dr. Hussain Rasheed Hassan is delighted to visit Hdh. Theefaridhoo, one of the few poultry farms in the country. He was accompanied by Mrs. Sherin Tabassum, the Country Director of IFAD and Mr. Haaroon Rasheed, Managing Director of AgroNat pic.twitter.com/8XSIXGwKS0
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) August 22, 2021
ނާޝިދު ވިދާޅުވީ މިދަތުރުގައި ހަނިމާދޫ، މުރައިދޫ އަދި ވައިކަރަދޫގެ ކައުންސިލްތަކާއި، ދަނޑުވެރިންނާ ވެސް ބައްދަލު ކުރައްވައި، އެފަރާތްތަކުގެ އަޑު އައްސަވާ ޚިޔާލް ބަދަލު ކުރެއްވި ކަމަށެވެ.
"ދަނޑުވެރިން ވަރަށް ބޮޑަށް ފާހަގަ ކުރެއްވި ކޯވިޑާއި ގުޅިގެން ދިމާވި ދަތިކަން، އަދި ބިމުގެ ދަތިކަން ވެސް، ދެން އޮތީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގައި ހުރި ދަތިތައް، އެ ގްރޯނެޓް މެދުވެރިކޮށް އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު އެ އޮތީ ފެށިފައި، ދެން ވެސް ސަރުކާރުގެ ތެރެއިން ކުރެވެން ހުރިކަންކަން ކުރެވޭތޯ މަސައްކަތް ކުރާނަން" ނާޝިދު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. ޙުސައިން އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ދަތުރު ނިންމަވާލެއްވީ ރޭގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!