ހދ.ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރާނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފި އެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، މިހާރު އެރަށުގައި ބޭނުންކުރަމުންދާ ލޭންޑް ޔޫޒް ޕްލޭން މުރާޖާކޮށް، ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވެފައިވާކަމަށެވެ.
މިމަސައްކަތް ކުރުމަށް ހުށައަޅާފަރާތްތަކުން ސަމާލުކަން ދޭންވީ 4 ނުކުތާއެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން، ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭން ބިނާކުރުމާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތަށް ލޭންޑް ޔޫޒް ޕްލޭން މުރާޖާ ކުރުމުގެ އެންމެހާ މަރުހަލާތަކެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.
އަދި ލޭންޑް ޔޫޒް ޕްލޭން މުރާޖާ ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުމާއި ލޭންޑް ޔޫޒް ޕްލޭން މުރާޖާ ކުރުމަށްފަހު ފާސްކުރުމަށް ހުށަހެޅުމުން، އިސްލާހުކުރުމަށް އަންގާ ކަމާގުޅޭ ބަދަލުތައް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތް ކޮށްދިނުން ހިމެނެއެވެ.
މި 4 ނުކުތާގެ މައްޗަށް ބިނާކޮށް، ލޭންޑް ޔޫޒް ޕްލޭން މުރާޖާކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 26 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އަންދާސީހިސާބު އެ އިދާރާއަށް ހުށަހެޅުއްވުން އެދެއެވެ.
އަންދާސީ ހިސާބު މެއިލް ކުރައްވާނަމަ info@neykurendhoo.gov.mv ނުވަތަ neykurendhoo.office@gmail.com އަށް މެއިލް ކުރެއްވުން އެދެ އެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައިއެވެ. އަގު ހުށަހަޅާ ފޯމް އެއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެކަމަށް އެކައުންސިލުން ބުނެއެވެ. އަދި އެއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ފޯމް ލިބެން ހުންނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!