އަލަށް އެކުލަވާލެވޭ ހއ. ދިއްދޫގެ ތަރައްގީ ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލް ދަތުރުކުރަންވީ މަގު ކޮށައިދިން ޕްލޭނެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ދިއްދޫގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ކުރެވޭ މަސައްކަތާއި ގުޅިގެން "ތިލަދުން" އަށް ދެއްވި ބަސްދީގަތުމެއްގައި ރަޝީދު ވިދާޅުވީ، ދިއްދޫ ތަރައްގީގެ ޕްލޭންގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

Ad
rt

މި ޕްލޭން ހެދުމުގައި ދިއްދޫ ރައްޔިތުންގެ ޚިޔާލު ވަރަށް ފުޅާ ދާއިރާއެއްގައި ހޯދިފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކަމާގުޅޭ ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ އެހީތެރިކަން ވެސް ލިބިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްލޭންގެ ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ނިމިއްޖެ، ދެން އޮތީ އިތުރު ޚިޔާލުތަކާއެއްގޮތަށް ފުރިހަމަކޮށްލުން، މިކަމުގައި ރައްޔިތުންނާއި، މުއައްސަސާތަކުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަން" ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްލޭން އެކުލަވާލަން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ދިއްދޫގެ ހުރިހާ ރައްޔިތުންނަށް ވެސް އާންމު ދައުވަތެއް ފޮނުއްވި ކަމަށެވެ. މިގޮތުން ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގޭ ބިސީއަކަށް ދައުވަތު ކާޑެއް ފޮނުއްވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ދައުވަތު ފޮނުއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ގިނަ ރައްޔިތުންތަކެއް ރަށުން ބޭރުގައި ދިރިއުޅޭތީ އެ މީހުންނަށް ވެސް ބައިވެރިވެވޭނެހެން އޮންލައިން ބައްދަލުވުން ތަކެއްވެސް ކުރިއަށް ގެންދިޔައިން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު، ވަރަށް މުހިންމު ޚިޔާލުތައް ލިބުނު، މިއީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރު ދަތުރު ކުރުމަށް ރައްޔިތުން ކޮށައިދިން މަގެއް" ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޚިޔާލު ހޯދުމުގެ ވަކިވަކި ބައްދަލުވުންތަކެއްގެ އިތުރުން ބޮޑު ބައްދަލުވުމެއް ވެސް ބޭއްވިފައިވާ ކަމަށެވެ.

މި ޕްލޭނާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ދިއްދޫ ރައީސް ޢަބުދުﷲ ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދިއްދޫގެ ތާރީޚްގައި ބޭއްވުނު އެންމެ ބޮޑު މަހާސިންތާގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ލާމަރުކަޒީ ޤާނޫނުން ވަނީ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކާއި މަތިކޮށްފައެވެ.