ހދ. ކުމުންދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ގާއިމުކުރާ ޔޫތު ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރަށްވައި، ރައްޔިތުންގެ މަޖިލީހުގައި ކުމުންދޫ ތަމްސީލްކުރައްވާ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެންމެފަހުން ކުމުންދޫއަށް ކުރެއްވި ޒިޔާރަތުގައި ކުމުންދޫގެ ޒުވާނުންނަށް ހާއްސަ ކުޅިވަރު ކުޅޭނެ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

Ad
rt

އުތުރުގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތެއްގައި ރައީސް ޞާލިޙް ވަނީ މިދަޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު ކުމުންދޫއަށް ވަޑައިގެންފައެވެ. އެދަތުރުފުޅުގައި ރައީސް ވަނީ ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބައްދަލުކުރަށްވާފައެވެ.

ކުމުންދޫގައި ޒުވާނުންނަށް ޔޫތު ކޮމްޕްލެކްސްއެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނީ އެ ބައްދަލުވުމުގައި ކަމަށް މެންބަރު ރާޢީ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގަތެވެ. ކުމުންދޫގައި ޒުވާނުންނަށް ހާއްސަ ކުޅިވަރު ކުޅޭނެ މަރުކަޒެއް ގާއިމުކޮށްދެއްވާނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގެ ދަށުންކަމަށް އެބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވިކަމަށް މެންބަރު ރާޢީ ވިދާޅުވިއެވެ.

މީގެއިތުރުން އެ މަރުކަޒުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާ ކަމަށް ވެސް ރާޢީ ވިދާޅުވިއެވެ.

މުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރައީސް ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުމުންދޫގެ ބަނދަރުގެ ނެރުގެ މައްސަލައަކީ ޙައްލުކުރަންޖެހޭ މުހިންމު މައްސަލައެއްކަން ވެސް ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ހެލްތު ސެންޓަރާއި ސްކޫލްގެ 12 ކްލާސްރޫމް އިމާރާތާއި އަދި ސްކޫލާއި ގުޅިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި ކުމުންދޫ ރައްޔިތުން އެދޭފަދައިން އެރަށުގައި ފޮލިސް ޕޯސްޓެއް ޤާއިމުކުރައްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެެވެ.