ށ. ފީވަކުން އިތުރު 20 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ ރަށު ސިއްޙީ މަރުކަޒުން އެންމެ ފަހުން އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު، އެ ރަށުން އޯގަސްޓް 2 ވަނަ ދުވަހު ވަނީ ކޯވިޑަށް ޓެސްޓް ކުރުމަށް 52 ސާމްޕަލެއް ނަގާފައެވެ.
މީގެތެރެއިން 20 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު، 32 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. މިވަގުތު ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 69 އެވެ.
ފީވަކުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު، އިތުރު ފަރުވާއަށް ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ވަނީ ބަދަލުކޮށްފައެވެ.
މިވަގުތު އެރަށުގެ 24 ގެއެއްގައި ކޯވިޑް ބަލިމީހުން އެބަތިއްބެވެ.
ފީވަކުގެ ހާލަތާއި ގުޅިގެން ސިއްހީ މަރުކަޒުން ވަނީ ރައްޔިތުން ކެތްތެރިކަން އިސްކޮށް، ގޭގައި މަޑުކޮށް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެންމެން އެއް އަމާޒަކަށް މަސައްކަތްކޮށްފިނަމަ އާންމު ހާލަތަށް ރުޖޫއަވުމުގެ ފުރުޞަތު ބޮޑުކަން އެ މަރުކަޒުން ވަނީ ފާހަގަ ކުރަށްވާފައެވެ.
ފީވަކު ކައުންސިލް ރައީސް ޢަލީ ރަޝީދު މިދިޔަ ހޮނިހިރު ދުވަހު މި ނޫހަށް ވިދާޅުވެފައިވާ ގޮތުގައި ބަލީގެ އަލާމާތް ހުރެގެން ސާމްޕަލް ނަގައިދިނުމަށް އަމިއްލައަށް އެެދޭ މީހުންގެ އަދަދު އެރަށުގައި ވަނީ އިތުރުވެފައެވެ. އޭނާ ވަނީ، އެ ހާލަތުން އަރައި ގަތުމަށް ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަށްވަމުން އަންނަކަމަށް ވިދާޅުވެފައެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ ވެސް ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!