ކުޅުދުއްފުށީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި

Kulhudhuffushi

ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ކޮންމެ މީހަކު ވެސް މާސްކު އެޅުމަށާއި، އަދި އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ޓެކްސީ ޑްރައިވަރުންނާއި ފިހަރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ޚިދުމަތް ދެއްވަން ތިއްބަވާއިރު މާސްކް އަޅުއްވައިގެން ތިއްބެވުމަށެވެ.

ރަށުގައި ހެދިފައިވާ ޕާކު ތަކާއި އާންމު އެންމެހާ ތަންތަނާއި މޫދަށް އެރޭ ސަރަހައްދު ވެސް ބަންދު ކުރެވިފައިވާތީ އެފަދަ އެއްވެސް ތަނަކަށް އެއްވެސް ފަރާތަކުން ނުދިއުމަށް އެދޭ ކަމަށެވެ.

މީގެއިތުރުން މަގުމަތީގައި ގުރޫޕް ހަދައިގެން ނޫޅުމަށާއި ކޮންމެހެން ނުކުންނަން ޖެހިގެންނޫނީ ގެއިން ބޭރަށް ނުދިއުމަށާއި އަދި ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށެވެ. މީގެއިތުރުން މިހާރުވެސް ކަރަންޓީންގައި ތިއްބެވި ފަރާތްތަކުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރައްވަމުން ގެންދިޔުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ބަލި އިތުރަށް ފެތުރި ރަށުގެ އާންމު ހާލަތު މިއަށްވުރެ ގޯސްވެއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމާތްވުމަށް ކަމާގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރުމަށާއި ބަލި ފެތުރުން ކޮންޓްރޯލްކޮށް ކުޅުދުއްފުށި ސިޓީ އާންމު ހާލަތަށް ގެނައުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމުގައި ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާރު އެ ސިޓީގައި ބަލިން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކަށް އެންމެހާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ ކުލިނިކްގެ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. މިވަގުތު ވެސް އެ ސިޓީ ބަންދުކޮށްފައި އޮތްއިރު ކޮންމެ ދުވަހަކު ހެން ދަނީ އާ ކޭސްތައް ފެންނަމުންނެވެ. މިހާރު މި ބަލި ޖެހިފައިވާ 51 މީހަކު އެ ސިޓީގައި އެބަތިއްބެވެ. އެ ސިޓީގެ ކޯވިޑްގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި