ސްމާޓޭ ފުޓްބޯޅަ އެކަޑަމީގެ ނަމުގައި ކުމުންދޫގައި އެކަޑަމީއެއް

Smartey Football Acadamy

ސްމާޓޭ ފުޓްބޯޅަ އެކަޑަމީގެ ނަމުގައި ހދ. ކުމުންދޫގައި ފުޓްބޯޅަ އެކަޑަމީއެއް ތަޢާރަފްކޮށް އެ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުމުންދޫގައި ފުޓްބޯޅައިން ރަނގަޅު ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި އެކަޑަމީގައި ކޯޗެއްގޮތުގައި މަސައްކަތް ކުރާނީ އެ ރަށު، އަލީ ހަސަން (ސްމާޓޭ) އެވެ.

މި އެކަޑަމީ ފަށުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 30 ބައިވެރިންނާއި އެކުގައެވެ. އެއީ 5 އަހަރާއި 10 އަހަރާއި ދެމެދުގެ 15 ބައިވެރިންނާއި 10 އަހަރާއި 15 އަހަރާއި ދެމެދުގެ 15 ބައިވެރިންނެވެ.

މި އެކަޑަމީގައި ބައިވެރި ވުމުގެ ފުރުޞަތު 20 އޯގަސްޓް 2021 ގެ ނިލަޔަށް ހުޅުވާލެވިފައި ވާއިރު މި އެކަޑަމީގެ ފުރަތަމަ ތިން މަސްދުވަހު އެއްވެސް ބައިވެރިއެއްގެ އަތުން ފީއެއް ނުނަގާނެއެވެ. އަދި އެކަޑަމީގައި ބައިވެރިވާ ކުދިންނަށް ޕްރެކްޓިސް ކިޓް ވެސް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކަޑަމީ ކުމުންދޫގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، މި އެކަޑަމީ ކުރިއަށް ގެންދަނީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައިވެރިވުމާއި އެކުގައެވެ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފާތިމަތު ރީނާޒް މިކަމާއި ގުޅިގެން ތިލަދުން ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މި އެކަޑަމީ ކުރިއަށް ގެންދިޔުމަށް ރޭވި ކުރިއަށް މިދެވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރި ކަމާއި އެކުގައި ކަމެވެ.

މިގޮތުން މަކުނުދޫ ދާއިރާގެ މްމަބަރ މުޙައްމަދު ރާއީ، ކުމުންދޫ ކައުންސިލް، ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އަދި އެކަޑަމީގެ ކޯޗް އަލީ ހަސަންގެ ނަން ފާހަގަކޮށް މި ހުރިހާ ފަރާތްތަކަށް ރީނާޒް ވަނީ ޝުކުރު އަދާކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި