ހަނިމާދޫގައި އެމްއެންޑީއެފް ހެޑްކުއާޓާ އިމާރާތް ކުރާ ސަރަހައްދުގައި ހުރި ދަނޑުބިންތައް ހުސްކުރަން އަންގައިފި

hanimaadhoo

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ހަނިމާދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް ނޮދަން އޭރިޔާގެ ހެޑްކުއާޓާ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ހުރި ދަނޑު ބިންތަށް ހުސް ކުރުމަށް ހަނިމާދޫ ކައުންސިލުން އަންގައިފިއެވެ.

މިކަމާއި ގުޅިގެން 26 ޖުލައި 2021 ގައި ހަނިމާދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހަނިމާދޫ ކައުންސިލުން ހަނިމާދޫގައި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް މިހާރު ރަންވޭމަގާއި، އަރާމަގާއި އަދި ވަޑައިގެންމަގު ހިމެނޭ ސަރަހައްދުން ކަންސްޓަމްސް އިމާރާތުގެ އިރުމަތިން ދޫކޮށްފައިވާ ދަނޑުބިންތައް 31 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުސްކޮށް ނިންމުމަށް އެދޭ ކަމަށެވެ.

އެ ސަރަހައްދަކީ ނިމިދިޔަ ކައުންސިލުން ހަނިމާދޫގެ ދަނޑުވެރިންނަށް  ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ސަރަހައްދެކެވެ. މިވަގުތު ވެސް އެތަނުގައި ބައެއްފަރާތްތަކުން ދަނޑުވެރިކަން ކުރަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ސަރުކާރުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ހަނިމާދޫގެ މީހުން ދިރިއުޅޭ ސަރަހައްދުގެ ބީޗް ސައިޑުން 853937 އަކަފޫޓުގެ ބިމެއް އިތުރު ކުރުމަށް ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ކައުންސިލުގައި އެދިފައިވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

މިކަމާއި ގުޅިގެން ހަނިމާދޫގެ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސް ކަމެއް އުފެދުމާއި ގުޅިގެން ފަހުން ސަރުކާރުން ވަނީ ބޭނުންވާ ބިމުގެ ސައިޒް 420316 އަކަފޫޓަށް ކުޑަކޮށްފައެވެ.

ނަމަވެސް ހަނިމާދޫގެ އެންމެ ރަނގަޅު ބިން ހިމެނޭ ސަރަހައްދުން އެ ބިން އެމްއެންޑީއެފް އިމާރާތް އެޅުމަށް ދިނުމަށް ހަނިމާދޫގެ ރައްޔިތުން ދެކޮޅުވުމާއި ގުޅިގެން އެ ބިން ދިނުމުގައި ގޮންޖެހުން ތަކެއް ކުރިމަތިވެގެން ދިޔައެވެ.

ނަމަވެސް ޖުލައި މެދުތެރޭގައި ތިލަދުންމައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ކުރެއްވި ދަތުރު ފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެ ބިމުގެ ކަންތަކުގައި މަޝްވަރާކުރައްވައި އެ ބިން ނަގާ ސަރަހައްދު ވަނީ އެހެން ސަރަހަދަކަށް ބަދަލުކުރައްވަން ނިންމަވައި އެ މައްސަލަ ހައްލު ކުރައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި