މޭ 6 ހަމަލާ: ތުހުމަތުވާ 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

May 6 Attack

  •  
  •  
  •  
  •  
  •  
  •  
  •  

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި، މޭ 6ގެ ހަމަލާގެ ތުހުމަތުވާ ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ފުލުހުންގެ އިދާރާގެ ފަރާތުން 4 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށްއެދި އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި، އެމީހުންނާ ގުޅޭ ތަހުގީގު އަދިވެސް ކުރިއަށްދާނެ ކަމަށާއި އެމީހުންގެ މައްޗަށް ހެކި ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެމީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް 15 ދުވަހުގެ މުއްދަތެއް ލިބޭކަން ވެސް ޕީޖީ ވަނީ ފާހަގަ ކުރަށްވާފައެވެ.

ފުލުހުންގެ އިދާރާއިން ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުވާ އެ ހަމަލާގެ އެންމެ އިސްމީހާކަމަށް ފާހަގަ ކުރެވިފައިވާ ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމް، 25 ގެ އިތުރުން މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23، ގެ މައްޗަށެވެ.

ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މޭ 6 ވަނަ ދުވަހުގެ ރޭ ވަނީ ބޮމެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެރޭ 8:30 ގައެވެ. އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހެއްދެވުމަށްފަހު އިތުރުފަރުވާއަށް އެމަނިކުފާނު ގެންދެވުނީ ޖަރުމަނަށެވެ. ޖަރުމަނުގައި ވެސް ބައެއް ސާޖަރީތައް ހެއްދެވުމަށްފަހު މިވަގުތ އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ހަމަލާގެ ތުހުމަތުވާ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށްއެދި ޕީޖީއަށް މައްސަލަ ފޮނުވިއިރު، އެ ހަތަރު މީހުންނާއެކު މިހާތަނަށް އެ ހަމަލާއާ ގުޅިގެން ނުވަ މީހަކު ފުލުހުންގެ ބަންދުގައި އެބަ ތިއްބެވެ.

މިހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ވެސް ހަދައިފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި