ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މޮނިޓަރިން ހާލަތަށް ލާފައި އޮންނަތާ 33 ދުވަސްފަހުން ހަނިމާދޫ އެ ހާލަތުން ވީއްލައިފިއެވެ.
ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އެނގިފައިވަނީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ހަނިމާދޫ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނިމާދޫ މޮނިޓަރިން ހާލަތުން ނެގީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.
"ވޭތުވެދިޔަ 34 ދުވަހަކީ ހަނިމާދޫ ގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ކެތްތެރިކަމުގެ ވަރަށް ފުރިހަމަ ނަމޫނާއެއް ފެނިގެން ދިޔަ ދުވަސްތަކެއް. ޞިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބައި ތިދެއްކެވި ފުރިހަމަ ނަމޫނާގެ ނަތީޖާ މިއަދު މިވަނީ ލިބިފައި. މިކަމަށްޓަކައި ޞިއްޙީ މަރުކަޒުގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ވަރަށް ހާއްޞަ ޝުކުރެއް ތިޔަލޮބުވެތި ރައްޔިތުންނަށް ދަންނަވަން. އަޅުގަނޑުމެންގެ މުވައްޒަފުން އެއްވެސް ވަރުބަލި ކަމެއް ނެތި ކުރި ބުރަމަސައްކަތުގެ ފޮނިމީރުކަން މިއަދު މިވަނީ ލިބިފައި." ހަނިމާދޫ މޮނިޓަރިން ހާލަތުން ނެގުމާއި ގުޅިގެން ހަނިމާދޫ ޞިއްހީ މަރުކަޒުން މިއަދު ވިދާޅުވިއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް "ތިލަދުން"އަށް ވިދާޅުވީ، މޮނިޓަރިން ހާލަތުން ނެގުމާއި ހަމައަށް 380 އަށް ވުރެ ގިނަ ރެންޑަމް ސާމްޕަލް ހަނިމާދޫން ނެގުނު ކަމަށެވެ.
ޖޫން 9 ހަނިމާދޫ ކްލަސްޓާއާއި ގުޅިގެން ފެނުނު ކޭސްތަކާއި ގުޅިގެން 12 ސަތޭކައަށް ވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓް ކުރެވުނު ކަމަށް ވެސް ޒުބޭދާ ވިދާޅުވިއެވެ.
ޖޫން 9ގެ ހަނިމާދޫ ކްލަސްޓާއާއި ގުޅިގެން ފެނުނު ކޭސްތަކާއި ގުޅިގެން ޖުމްލަ 77 މީހެއް އެރަށުން ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ބައެއް ދަރިވަރުންނާއި، އެރަށު ޞިއްޙީ މަރުކަޒުގެ ޑަކްޓަރެއް ވެސް ހިމެނެއެވެ.
ހަނިމާދޫ މިއަދު މޮނިޓަރިންއިން ނެގިއިރު އެރަށުގައި ކޯވިޑް ބަލިން ރަނގަޅު ނުވާ ތިބީ 10 މީހެކެވެ. އެއީ ޖޫން 9 ކްލަސްޓާއާއި ގުޅިގެން ފެނުނު ކޭސްތަކާގުޅޭ 9 މީހަކާއި އަދި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!