އިޓަލީ ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށް

received_926716721213807

  •  
  •  
  •  
  •  
  •  
  •  
  •  

ޔުއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގައި އިންގްލެންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ވުމާއިއެކު އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލު ނައުމުން، މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިންގްލެންޑްގެ މައްޗަށް އިޓަލީން ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މިއީ އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ފުޓްބޯޅައިގެ ޔޫރަޕްގެ ރަސްކަން ހޯދި ދެވަނަ ފަހަރެވެ. އިޓަލީން ފުރަތަމަ ޔޫރޯ ކާމިޔާބު ކޮށްފައި ވަނީ 1968 ވަނަ އަހަރުއެވެ. އޭގެ ފަހުން 2000 އަދި 2012 ވަނަ އަހަރު ޔޫރޯ ފައިނަލަށް އިޓަލީ ދިޔަނަމަވެސް، އެ ޓީމްވަނީ އެ ދެ ފައިނަލުން ބަލިވެފައެވެ.

އިންގްލެންޑަށް އަދި މިހާތަނަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިފައި ނުވެއެވެ. މިއީ އެ ޓީމުން މި މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

އިންގްލެންޑުން މި މެޗު ފަށާފައި ވަނީ ވަރަށް ފޯރީގައި ވަރަށް ވަރުގަދަކޮށެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ ދެވަނަ މިނެޓުގައި ލަނޑުޖަހައި ލީޑުނަގާފައެވެ. މި ލަނޑު ޓްރިޕިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކާ ޝޯއެވެ. މިއީ އޭނާ އިންގްލެންޑްގެ ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗުގެ ފުރަތަމަ ފަނަރަވަރަކަށް މިނެޓް އިންގްލެންޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފުގެ ފަހުބައިގައި އިޓަލީން ވަނީ ގޭމް ކޮންޓްރޯލް އަތުލައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި އިޓަލީން އެންމެ ނުރައްކާތެރި ހަމަލާއެއް އުފައްދާފައި ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި އެ ޓީމްގެ ފޯވާޑް ކިއޭސާއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ގޮސްފައި ވަނީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް އިޓަލީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައި ބޮނޫޗީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑާއިއެކު މެޗު ނިމިގެން ގޮސްފައި ވަނީ އެއްވަރު ވެގެންނެވެ.

ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލު އައިސްފައި ނުވުމުން މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑުގެ ކޭން އަދި މެގުއާ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ސަންޗޯ އަދި ޝަކާ ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. އަދި ރަސްފޯޑް ޖެހި ޕެނަލްޓީ ގޮސްފައި ވަނީ ދަނޑީގައި ޖެހިފައި ބޭރަށެވެ.

އިޓަލީން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. އިޓަލީގެ ޖޯޖީނިއޯ އަދި ބެލޮޓީޖެހި ޕެނަލްޓީ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

 

މި މޮޅާއިއެކު އިޓަލީއިން މިހާރު ވަނީ ބަލިނުވެ 34 މެޗު ހަމަކޮށްފައެވެ. މި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިޓަލީގެ ކީޕަރ ޑޮނަރުންމާއެވެ. އޭނާ ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި