ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ.
މިގޮތުން ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
އެ ހޮސްޕިޓަލުން ކަށީގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް، އެ ހޮސްޕިޓަލްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
އެ ހޮސްޕިޓަލްގައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވަނީ އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ވެސް ފަށާފައެވެ.
މީގެއިތުރުން އެ ހޮސްޕިޓަލް ވަނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އިތުރު ޚިދުމަތްތައް ތައާރަފްކޮށް، ކާމިޔާބު އޮޕަރޭޝަންތަކެއްކޮށް އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނަށް އިތުރަށް ފުޅާކޮށް ރައްޔިތުންގެ އިތުބާރު ބޮޑުކޮށްފައެވެ.
ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރު ވެސް ގާއިމުކޮށްފައި ހުންނަނީ އެ ހޮސްޕިޓަލްގައެވެ. މި ސެންޓަރުވެގެން ގޮސްފައިވަނީ ސަރަޙައްދަށް ދިމާވި ކޯވިޑްގެ އުނދަގޫ، ހިތްދަތި ވަގުތުގައި ތަފާތުކުރުމެއްނެތި ޚިދުމަތްދެމުންދާ ސެންޓަރަކަށެވެ.
2021 ވަނަ އަހަރުގެ ބަޖެޓްގައި ފުނަދޫގައި މުޅިން އައު ހޮސްޕިޓަލެއް ގާއިމުކުރަން ވެސް ވަނީ ބަޖެޓް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!