ހއ. އިހަވަންދޫގެ ޖަމިއްޔާއެއް ކަމަށްވާ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

އިމަގުން އިސްނަގައިގެން އިހަވަންދޫގެ ކުޑަކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް ފުރިހަމަ ގޮތުގައި ނަމާދު ކުރަން ދަސްކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ ދުއިސައްތައަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރި ވެފައެވެ.

Ad
rt

ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް ފަށާފައިވަނީ 04 ޖުލައި 2021 ވީ އާދީއްތަ ދުވަހުއެވެ. މި ޕްރޮގްރާމް ނިންމުމަށް ހަމަޖެހިފައި ވަނީ 07 ޖުލައި 2021 ވާ ބުދަ ދުވަހުއެވެ.

މި ޕްރޮގްރާމް އިހަވަންދޫ މަސްޖިދުލް ތައުބާ މިސްކިތުގައި ކުރިއަށް ގެންދާއިރު، މި ޕްރޮގްރާމްގައި ކުދިންނަށް ކިޔަވައި ދެއްވަނީ އައްޝައިޚް އަބްދުލް ޤާދިރު މުޙައްމަދެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން އިމަގުގެ ރައީސް މޫސާ އަލީ ވިދާޅުވެފައި ވަނީ މި ޕްރޮގްރާމަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ.

މިގޮތުން އެ ޖަމްޢިއްޔާގެ މެމްބަރުންނާއި، މި ޕްރޮގްރާމްގައި ކުދިން ބައިވެރި ކުރެއްވި ބެލެނިވެރިން ދެއްވި އެހީތެރިކަން ފާހަގަކޮށް މޫސަ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ޕްރޮގްރާމްގައި ދަރިވަރުންނަށް ކިޔަވައި ދެއްވަމުން ގެންދަވާ ޝައިޚް އަބްދުލް ޤާދިރު މުޙައްމަދަށް މޫސަ ވަނީ ވަރަށް ޙާއްޞަ ޝުކުރެއް ދަންނަވާފައެވެ.