މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ "ހުނަވަރު" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓެންޓް ސުޕަވައިޒަރުންނާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާމުވައްޒަފުންނާއި ވެލްޑިން ދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރާނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހާހަމައަށެވެ.

Ad
rt

މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ އޮގަސްޓު މަހުގެ 15 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ.

އެމްޓީސީސީން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ މީހަކަށް އެލަވެންސްގެ ގޮތުގައި މަހަކު 5،000ރ. ލިބޭނެ ކަމަށެވެ. ތަމްރީނު ހާސިލް ކުރަނީ އަމިއްލަ ރަށްނޫން އެހެން ރަށެއްގައި ކަމަށްވާ ނަމަ ހުރުމާއި ކެއުމުގެ ހަރަދު ވެސް އެ ކުންފުނިން ހަމަޖައްސައިދޭނެއެވެ.

އެ ކުންފުނިން ހުޅުވާލި 50 ޖާގައިގައި ހިމެނެނީ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓެންޓް ސުޕަވައިޒަރުންގެ މަގާމަށް 30 ޖާގަ، މަގު ހެދުމުގެ މަޝްރޫއުތަކަށް10 ޖާގަ އަދި ވެލްޑިން ދާއިރާ އިން 10 ޖާގައެވެ.

ކުށުގެ ރެކޯޑު ނެތް އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް އެމްޓީސީސީގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.