ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ބަންގްލަދޭޝްގައި ކޯވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާން ފެށުމާ ގުޅިގެން ހިންގާފައިވާ ފުރަބަންދުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިގޮތުން އެ ގައުމުގައި މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު އެ މުއްދަތު ވަނީ މިހިނގާ ޖުލައިމަހުގެ 14 އަށް އިތުރުކޮށްފައެވެ.
ޑެލްޓާ ވޭރިއެންޓު ނުރައްކާ ބޮޑުވެ ގައުމުގެ އޮފީސްތަކާއި، ވިޔަފާރިތަކާއި އަދި މާރުކޭޓުތައް ބަންދުކޮށް، އާންމު ދަތުރުފަތުރު ހުއްޓާލައި، ވަރުގަދަ ފިޔަވަޅުތަކާއެކު މުޅި ބަނގްލަދޭޝް ފުރަބަންދަކަށް ދިޔައީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުއެވެ.
ބައިނަލްއަގްވާމީ މީޑިއާ ބައެއް ރިޕޯޓުތައް ބުނާގޮތުން އިންޑިއާ-ބަނގްލަދޭޝް ސަރަހައްދީ އިމާ ގުޅިފައިވާ ބަނގްލަދޭޝްގެ އަވަށްތަކުގައި ކޯވިޑްބަލި ޖެހޭ މީހުންގެ އަދަދުތައް އަދިވެސް ދަނީ މައްޗަށެވެ. އަދި ބަލިޖެހޭ މީހުންގެ ތެރެއިން ހާލުދެރަވާ މީހުން ގިނަވެ، އެ އަވަށްތަކުގެ ހޮސްޕިޓަލްތައް މިހާރު ފުރެމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ޑެލްޓާ ވޭރިއެންޓާ ގުޅިގެން ބަނގްލަދޭޝްއިން އިންޑިއާއާ ގުޅިފައިވާ ބޯޑަރު މިދިޔަ އޭޕްރީލްމަހު ބަންދުކުރި ނަމަވެސް، ވިޔަފާރީގެ ދަތުރުތައް މެދު ކަނޑާލާފައެއް ނުވެއެވެ.
ދުނިޔޭގެ 184 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު އަވަށްޓެރި އިންޑިއާއަކީ ޑެލްޓާ ވޭރިއެންޓާގެ އިތުރުން އެންމެ ބަލީގެ ހާލަތު ގޯސް އެއް ގައުމުކަމަށްވުމީ ބަންގްލަދޭޝްއަށާއި، ސަރަހައްދުގެ އެހެން ޤައުމުތަކަށް ވެސް ބަލިން ކޮންޓްރޯލް ކުރުމުގައި އޮތް ގޮންޖެހުމެކެވެ.
އިންޑިއާއަކީ ދުނިޔޭން އެންމެ ގިނައިން މިބަލިޖެހުނު މީހުން 2 ވަނަ އަށް އެންމެ ގިނަ ގައުމުކަމަށްވީއިރު، އެ ގައުމުގެ 30 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލި ވަނީ ޖެހިފައެވެ. އަދި މިވަގުތު އެންމެ ހަލުވިމިނެއްގައި މިބަލި ފެތުރެމުން ދަނީ ވެސް އިންޑިއާގައެވެ.
ބަންގްލަދޭޝްގައި މިބަލި ޖެހުނު މީހުންގެ ޢަދަދު އުޅެނީ 954,881 ގައެވެ. އަދި އެ ގައުމުން މިހާތަަނަށް 15,229 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!