މިވަގުތު ދިވެހިރާއްޖެއަށް އެންމެ މުހިންމީ ގުޅިގެން މަސައްކަތްކުރާ ކޯލިޝަންއަކުން އެކުލެވޭ ސަރުކާރެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީން "ސާފު އަމާޒަކަށް" ޝިއާރުގެ ދަށުން އެޕާޓީގެ މެންބަރުޝިޕް އިތުރުކުރުމަށް ރޭ އިފްތިތާޙްކުރި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދަޅުވީ ކުރިއަށް އޮތްތަނުގައި އަދި ގާތް މުސްތަގުބަލުގައި ރާއްޖެއަށް ކޯލިޝަން ނޫން ގޮތަކަށް ވެރިކަމެއް އައިސްދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ފާއިތުވެދިޔަ ތަނަށް ބެލިޔަސް ވެސް އެކަން އެނގޭ ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ކޯލިޝަންއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެގޮތުން އެކި ވިސްނުމުގެ އެކި ހިޔާލުގެ ބައިވެރިން އެކީގައި މަސައްކަތްކޮށްގެން ގައުމަށް ރަނގަޅު ކުރިމަގެއް ހޯދިދާނެ ކަމަށް ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެގޮތަށް މަސައްކަތްކުރި ނަމަވެސް ކޮންމެ ޕާޓީއަކުން ވެސް އެޕާޓީގެ އަސާސް ދަމަހައްޓަން ޖެހޭނެ ކަމަށެވެ.
އިމްރާން ވިދާޅުވީ އެންމެން އެކީގައި މަސައްކަތްކުރާއިރު އެއްބަޔަކު އަނެއް ބަޔަކަށް ދޫދޭން ޖެހޭ ކަންކަމާއި ހިފަހައްޓަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އެގޮތުގެމަތިން އެންމެން އެކު އެކީ މަސައްކަތް ކޮށްގެން ނޫނީ ދިވެހިންނަށް ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލު އަދި ރައްކާތެރިކަމާއި ގައުމުގެ ކުރިއެރުން ނުހޯދޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަދާލަތު ޕާޓީ އަކީ ކޯލިޝަންއެއްގައި މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ޕާޓީއެއް ކަމަށެވެ. އެގޮތުން އެޕާޓީން މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް މި ސަރުކާރުގެ ކޯލިޝަންއަށް ވާގިވެރިވުމުގައި ދެމި އޮންނާނެ ކަމަށާއި، އެކަން ކުރާނީ ޕާޓީގެ އަސާސްތަކާ ހިލާފުނުވާ ގޮތުގެ މަތިން ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!