ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ގޮތާއިމެދު ހަނިމާދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމަނައި، ހަނިމާދޫ ރައްޔިތުންގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ހަނިމާދޫގެ ވޯޓްލުމުގެ ހައްޤުލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސަތަ މީހުން ސޮއި ކޮށްފައިވާ މި ޕެޓިޝަން ހުށަހަޅާފައި ވަނީ 04 ޖުލައި 2021 ވީ އާދީއްތަ ދުވަހު (އިއްޔެ) ގެ ވަގުތެއްގައެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ރައީސްގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި އަދި މި މަޝްރޫޢުއަކީ ހަނިމާދޫ ރައްޔިތުންގެ ދިރިއުޅުމާއި، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ މަޝްރޫޢުއަކަށް ވީހިނދު މިހާރު ސަރުކާރުން އެއަރޕޯޓް ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ގޮތާއިމެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
މިގޮތުން އެ ޕެޓިޝަނުގައި ޖުމްލަ ފަސް ކަންބޮޑުވުމެއް ވަނީ ފާހަގަ ކޮށްފައެވެ. އެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫ ރައްޔިތުންގެ އަސާސީ ހައްޤެއްކަމަށްވާ ދިރިއުޅުމަށް ގޯތި ދޫކުރުމަށާއި އަދި މިނޫންވެސް އެހެނިހެން ބޭނުންތަކަށް، މަދުވެގެން ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާނެ ބިން ކަނޑައަޅާ، ރައްޔިތުންގެ މަޝްވަރާއާއެކު، ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެމަތިން ރަށުގެ ބިން ބޭނުންކުރާނޭ ގޮތުގެ ޕްލޭން (ބިނާވެށި ޕްލޭން) އެކުލަވާލައި، ފާސްކުރުމަށްފަހުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށެވެ.
މިހާރުވެސް ރަށުގެ ބޮޑުބިއެއް އެއަރޕޯޓް ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި ވާއިރު، އެއަރޕޯޓް އިތުރަށް ތަރައްޤީކުރާއިރު، އެއަރޕޯޓް ހިމެނޭ ސަރަހައްދުގައިވާ ރަށުގެ ހިކިފަސް ބިމުން ވީހާވެސް ކުޑަ ޖާގައެއް ބޭނުންކުރުމަށާއި އަދި އެއަރޕޯޓް ސަރަހައްދުގައި ތަރައްޤީކުރުމަށް މި މަޝްރޫޢުގައި ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ކަންކަމާއި އަދި މިނޫންވެސް އެއަރޕޯޓްގެ އޮޕަރޭޝަނާއި ސީދާ ގުޅުމެއް ނުވާ ކަންކަމަށް ކަނޑައަޅާ ބިންތައް ހަނިމާދޫ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނި، މިފަދަ ބިންތަކުން ކުރިމަގުގައި ކައުންސިލަށް އާމްދަނީ ލިބި، މި ބިންތަކަކީ ކައުންސިލްގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭނެ ވަޞީލަތެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭނުމަށް އެއަރޕޯޓް ސަރަހައްދައް އިތުރުކުރުމަށް ހުށައަޅާފައިވާ 420،316 އަކަފޫޓުގެ ބިން ހިމެނޭ ސަރަހައްދަކީ، ހަނިމާދޫގެ ރައްޔިތުން މިހާރު ވެސް ބޭނުން ކުރަމުންދާ އަދި މުސްތަޤްބަލުގެ ތަރައްޤީއަށް ވަރަށް މުހިއްމު ސަރަހައްދެއް ކަމަށާއި، އެމްއެންޑީއެފް ގެ ބޭނުމަށް ރަށުގެ އެހެން ސަރަހައްދަކުން، ބިމާ ބެހޭ ޤާނޫނާއި ބިނާވެށި ޕްލޭންކުރުމުގެ ޤަވާޢިދާއި އެއްގޮތައް ބިމެއް ކަނޑައެޅުމަށް ބުނެފައިވެއެވެ.
އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރަށް ބިން ބޭނުންވާނަމަ، މިހާރު އެއަރޕޯޓަށް ކަނޑައަޅާފައިވާ ސަރަހައްދުން (ރަށުގެ ދެކުނު ފަރާތުން) ބިން ހިއްކައިގެން ބޭނުންކުރުމަށް ވެސް އެ ޕެޓިޝަނުގައި ހިމަނާފައިވެއެވެ.
މަޝްރޫޢުގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާކޮށް، މިފަދަ ބިޔަ މަޝްރޫޢުތަކުގައި ހަދާ ސޯޝަލް އިމްޕެކްޓް އެނާލެސިސް ހެދުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން ޖަވާބުދިނުމަށާއި އެއަށްފަހު މިކަމުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތައް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވެސް އެ ޕެޓީޝަނުގައި ބުނެފައިވެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ދޫކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް 853،937 އަކަފޫޓުގެ ބިމެއް އިތުރު ކޮށްދެއްވުމަށް އެދި ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ކައުންސިލުގައި އެދިލައްވާފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މި ބިމުގެ މައްސަލާގައި ހަނިމާދޫގެ ރައްޔިތުންނާއި ކުލަބް ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ސަރުކާރުން ވަނީ ބޭނުންވާ ބިމުގެ ސައިޒު ކުޑަކޮށްފައެވެ. އެގޮތުން ސަރުކާރުން ވަނީ ފަހުން 420،316 އަކަފޫޓުގެ ބިމެއް އިތުރު ކޮށްދެއްވުމަށް ކައުންސިލުގައި އެދިލައްވާފައެވެ. ނަމަވެސް އަދި މިހާތަނަށް ކައުންސިލުން މިކަމަށް ވަކިގޮތެއް ނިންމާފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!