ހއ. އިހަވަންދޫ ރައްޔިތުން ނިކުމެ އެރަށު ގޮނޑުދޮށް ސާފުކޮށްފިއެވެ.
އިހަވަންދޫ ރައްޔިތުން އެރަށު ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ އިޖުތިމާއީ ހަރަކާތެއްގައެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫ ކައުންސިލާއި، އެރަށު ކްލަބް ޕޯލްސްޓަރ އަދި އެރަށު މަސްވެރިން އިސްނަގައިންނެވެ.
މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ "ސާފު މޫދާއި ގޮނޑުދޮށް" މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތަށް ރަށުގެ ރައްޔިތުންގެ ޖޯޝް އިތުރުކުރުމަށްޓަކައި ވަނީ މީސް މީޑިއާ މެދުވެރިކޮށް އެހަރަކާތުގައި ބައިވެރިވުމަށް ހިތްވަރުދޭ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާހް "ތިލަދުން" ވިދާޅުވީ މި ހަރަކާތަކީ ރަށުގައި މިހާތަނަށް ބޭއްވުނު އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ބައިވެރިވި ހަރަކާތް ކަމަށެވެ. މި ހަރަކާތުގައި ރަށުގައި ދިރިއުޅޭ ކުދި ބޮޑު ގިނަ ރައްޔިތުންތަކެއް ބައިވެރިވިކަން އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.
އަދި ހަރަކާތް ކުރިއަށް ގެންދެވުނީ ދެ ގަޑިއިރަށް ކަމަށާއި މި ވަގުތުކޮޅު ތެރޭގައި ރަށުގެ ގޮނޑުދޮށްތަކުގެ ދެބައިކުޅަ އެއްބައި ސާފުކުރެވުނު ކަމަށް ޞަބާހު ވިދާޅުވިއެވެ.
" މިހާރު އެއޮތީ ގޮނޑުދޮށްތައް ސާފުވެފަ. އެ އޮތް ސާފުތާހިރުކަންމަތީ އެތަންތަން ބެހެއްޓުމަށް ރައްޔިތުންނަށް ނަޞޭޙަތްތެރިވަން" ކައުންސިލްގެ ރައީސް ޞަބާހް ވިދާޅުވިއެވެ.
މިހަރާކާތުގައި ބައިވެރިވި އިހަވަންދޫގެ ރައްޔިތުންނަށާއި އަދި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ރަށުގައި ހިންގާ ޓީމުތަކާއި އަދި ސަރުކާރުގެ މުއައްސަސާތަކަށް ޞަބާހުވަނީ ވަރަށް ޚާއްސަ ޝުކުރެއް ކައުންސިލްގެ ނަމުގައި ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!