ށ. މިލަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ނަމުގައި ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތަކީ މިލަންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

މި ހަރަކާތަށް ވަނީ ކޮންޓެކްޓް އުސޫލުން އެރަށަށް ނިސްބަތްވާ 20 މީހަކު މަގާފައެވެ. އެއީ 18 އަންހެނުންނާއި 2 ފިރިހެނުންނެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް "ތިލަދުން"އަށް ވިދާޅުވީ، އެރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުުގެ ކަންކަން ވާނީ މިލަންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންޑޭޓުގެ ތަރޭގައި ހިމަނާފައި ކަމަށެވެ.

"އެކަމަށް ސަރުކާރުން ދެއްވާފައިވާ ބަޖެޓުން މިކަން ކުރަނީ، މިކަން މޮނިޓަކޮށް ބަލަހައްޓާނީ މިރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، އެކަން ކުރިއަށް ގެންދިޔުމަށް ރޭވިފައި ވަނީ ސާފުކޮށް ބަލަހައްޓަން ޖެހޭ އެރަށުގެ އިޖުތިމާއީ ސަރަހައްދު ބްލޮކް ތަކަކަށް ބަހާލައިގެން އެ ބްލޮކަކަށް ޚާއްޞަކުރެވޭ މީހަކު އެ ބްލޮކެއް ސާފުކޮށް ބަލަހައްޓާ ގޮތަށް ކަމަށެވެ.

"އިޖުތިމާއީ ސަރަހައްދުތަކާއެކު، ފަޅާއި ގޮނޑު ދޮށަށް އެޅޭ ކުނިވެސް ނަގާނެ، އާންމުންނަށް މަގުތަކުގައި ހުން ގަސްތަކުން އުނދަގޫވާހެން ހުންނަ ހުންނަ ގޮފިތައް ކޮށާ ވެސް ބަލަހައްޓާނެ، ދެން ގަބުރަސްތާނުގައި ހެދޭ ގަސްތައް ވެސް ނޮޅާ ބަލަހައްޓާނެ،" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މިހަރަކާތް ހިންގަން މީހުން ހޯދަން ޢިއުލާން ކުރުމުން ބޮޑު ތަރުހީބެއް ލިބުނުކަމަށާއި، އެރަށުގެ 86 މީހެއް އެކަމަކަށް ކުރިމަތިލިކަމަށެވެ. އަދި މިހާރު ނެގިފައިވަނީ އޭގެ ތެރެއިން ހޮވާލެވުނު 20 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.