ހއ. ދިއްދޫ ކައުންސިލްގެ ރައީސްއަށް ކައުންސިލުން ނިންމާ ނިންމުންތަކުގެ ވޯޓުގައި ބައިވެރި ނުވެވޭ ގޮތަށް ކައުންސިލްގެ ހިންގާ ޤަވާއިދަށް އިސްލާހެއް ގެނެސް ފާސްކޮށްފައިވާ ކަމަށާއި، އެއީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް ހިންގާ ޤަވައިދަށް ގެނެވުނު އިސްލާހާ އެކު މިހާރު ވަނީ ރައީސްްއަށް ވޯޓު ނުލެވޭގޮތައް ފާސް ކޮއްފައި ކަމަށެވެ.
"މިއަމަލަކީ ނާތަހުޒީބު ފިނޑި އަމަލެއް އަދި ޑިމޮކްރަޝީއާ ބީރައްޓެހި އަމަލެއް ގޮތުގަ އަޅުގަނޑު ދެކެން. އަޅުގަނޑަށް ވޯޓު ދެއްވާ މި މަޤާމު ހަވާލުކުރީ ރައްޔިތުން ނުހަނު ފޮނި އުއްމީދާ އެކު ކަން އަޅުގަނޑު އަބަދުވެސް ހަނދާން ކުރާނަން." ރަޝީދު ވިދާޅުވެފައިވެއެވެ.
އުއްމީދު ކުރަށްވަނީ ލިބުނު މެޖޯރިޓީގެ ބޭނުން ހެޔޮގޮތުގަ ހިފައި، ރަށަށާއި ރައްޔިތުންނަ ލަބަޔާ މަންފާ ލިބިގެން ދާނެ މަސައްކަތް ތަކެއް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ.
ދިއްދޫ ކައުންސިލްގެ ސާފު މެޖޯރިޓީ އޮންނަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށެވެ. އެ ކައުންސިލްގައި އެމްޑީޕީގެ 5 މެންބަރުން ތިއްބަވާއިރު، ރައީސް ރަޝީދު ހިމެނޭހެން އިދިކޮޅު ޕީޕީއެމްގެ އިތުރު މެންބަރަކު ހުންނަވައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ދިއްދޫ ކައުންސިލުން ވަނީ، ދިއްދޫ ކައުންސިލްގެ ރައީސަށް ވޯޓުގައި ބައިވެރިވެވޭނީ ހުށަހެޅުމެއް އެއްވަރުވެއްޖެ ހާލަތެއްގައި ކަމަށް ނިންމައި، އެ ނިންމުން މިހާރު އެލްޖީއެއްއަށް ވެސް ފޮނުވާފައެވެ. ނަމަވެސް އެލްޖީއޭއިން އަދި އެ ނިންމުން ތަންފީޒުކުރުމާގުޅޭގޮތުން އެއްޗެއް ނާންގަވާކަމަށް ވެއެވެ.
ދިއްދޫ ކައުންސިލްގައި ތިއްބަވާ 7 މެންބަރުން ތެރެއިން 5 މެންބަރުންނަކީ އެމްޑީޕީ މެންބަރުން ކަމުން ހުށަހެޅުމެއް އެއްވަރުވާ ހާލަތެއް އައުމަކީ ނާދިރު ކަމެކެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ، ދިއްދޫ ކައުންސިލްގެ އެ ނިންމުމަކީ އޭނާގެ ހައްގަކަށް އަރައިގަތުންކަމަށާއި، އަދި އެއީ ދިއްދޫގެ މެޖޯރިޓީ ރައްޔިތުންގެ ނިންނުމަށް ބޭ އިޚްތިރާމްގެ ނިންމުމެއް ކަމަށެވެ.
"އަޅުގަނޑާއި، މޫސާ ލަތީފްއާއި ދެމީހުން ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންނަށް ކައުންސިލްގައި މިތިބެނީ، އަޅުގަނޑަށް ވޯޓު ލެވުނެއްކަމަކު އެބޭފުޅުން ބޭނުންއެއްޗެއް ބޭނުންގޮތަކަށް ފާސްކުރުމުގެ ފުރުޞަޠުއެބަ އޮތްނޫންތޯ؟ އަޅުގަނޑުމެން ވެސް ބޭނުން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކައުންސިލަށް ހުށަހަޅައި ފާސްކޮށް ތަންފީޒުވާން، ނަމަވެސް އެ ދޮރު މި ބަންދުކޮށްލީ" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، އެ ނިންމުމެއް ނިންމީ ޕީޕީއެމް މެންބަރު ލަޠީފް ކަމެއް ކައުންސިލަށް ހުށަހަޅަން ތައްޔާރުވުމުން ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ބޭނުމަކީ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރެއްގެ ފުށުން ރަށަށް ރަނގަޅުކަމެއްވާން ފުރުޞަޠު ނުދިނުންކަމަށް އޭނާ ވަނީ ތުހުމަތު ކުރަށްވާފައެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ އެންމެފަހުން ބޭއްވި ދެ އާންމު ބައްދަލުވުން ވެސް ދިޔައީ ވަރަށް ހޫނުކޮށް ކަމަށާއި، އެހެންމެފަހުން ޖެހުނީ އެބައްދަލުވުންތައް ކުރިއަށް ނުގެންދެވި ހުއްޓާލަން ކަމަށެވެ.
އެލްޖީއޭއިން ވަކިގޮތެއް އަންގަންދެން ނިމުނު 3 ވަނަ ދައުރުގެ އުންސިލްތަކުން ބޭނުންކުރި ހިންގާ ގަވާއިދަށް މިހާރުއޮތް 4 ވަނަ ދައުރުގެ ކައުންސިލްތަކުން ވެސް އަމަލުކުރަމުން ގެންދިޔުމަށް އެއިދާރާއިން ކައުންސިލްތަކަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސްއަށް ވޯޓު ނުލެވޭގޮތަށް ފާސްކުރުމުން "ކްލަބް ހައުސް" އެޕްލިކޭޝަން މެދުވެރިކޮށް ޚިޔާލު ބަދަލުކުރުމުގެ ބައްދަލުވުމެއް ވެސް މިއަދު ކުރިއަށް ދިޔައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެ، އެލްޖީއޭގެ ސީނިއާ މަގާމެއް ފުރައްވަމުން ގެންދަވާ ޝަމްއޫން ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ވޯޓުލާ ގޮތަކުން ކުށްވެރިވެ، ޖަވާބުދާރީވާން ނުޖެހުނު ނަމަވެސް ކައުންސިލް، ކުންފުނި ތަކުގެ ބޯޑު ފަދަ ތަންތަނުގައި ތިއްބަވާ ބޭފުޅުން ޖަވާބުދާރީވާން ޖެހޭކަމަށެވެ.
އެހެންކަމުން ރަނގަޅުގޮތަކީ ކައުންސިލްގެ ރައީސް ވެސް ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭހެން ވޯޓުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މީގެކުރީން ހިނގާފައިވާ ބައެއްކަންކަމަށް އިޝާރާތް ކުރަށްވައި ޝައްމޫން ވިދާޅުވީ، އޭސީސީފަދަ ތަހުގީގީ އިދާރާތަކަށް ކައުންސިލްތަކުގެ ނިންމުންތަކާއި ގުޅިގެން ހަށަހެޅޭ މައްސަލަތަކާއި ގުޅިގެން، ކައުންސިލްގެ ރައީސް ވޯޓުގައި ބައިވެރިވެނުވެހުރެ، އެ ނިންމުންނިންމީ އެހެން މެންބަރުންކަމަށް ބުނެ ކަންކަމުން ބޯދަމައިގަންނަ ހާލަތްތައް ވެސް އައިސްފައި ހުރުމުން، ކައުންސިލްގެ ނިންމުންތަކުން ރައީސްއަށް ވެސް ރެކުމުގެ ފުރުޞަތު ނޯންނާނީ ވޯޓުލެވޭ ގޮތަށް އޮތުމުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވި ދިއްދޫ ރައްޔިތުންގެ ތެރެއިން ބައެއް މީހުންވަނީ ކައުންސިލްގެ އެ ނިންމުން ދިފާއުކޮށް ވާހަދައްކާފައެވެ. އަދި ބައެއް ރައްޔިތުން ވަނީ އެ ނިންމުމާމެދު ނުރުހުންފާޅުކޮށް ވެސް ވާހަކަ ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!