ކޮވިޑް-19 ބަލި ފެތުރެމުންދާތީ ހއ. ދިއްދޫގައި މިދުވަސްކޮޅު އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އަންގައިފިއެވެ.

ދިއްދޫ ކައުންސިލުން މިއަދު ހާމަކުރެއްވިގޮތުގައި، މިގޮތަށް މިކަން ނިންމީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވުމުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ.

Ad
rt

އަދި އެޗްޕީއޭގެ މި އެންގުމާއި ގުޅިގެން އެ ރަށުގައި މި އަހަރުގެ އަޟްޙާޢީދުގައި ބޭއްވުމަށް ނިންމާފައިވާ އަޟްޙާ ކަޕް 4 ވަނަ ފުޓުބޯޅަ މުބާރާތް ފަސްކޮށްފައިވާ ވާހަކަ ވަނީ އެ ކައުންސިލުން ދަންނަވާފައެވެ.

ދިއްދޫ މޮނިޓަރިންއަށް ލާފައިވަނީ ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހުއެވެ. ދިއްދޫގެ މި ކުލަސްޓަރގައި މިހާތަނަށް އެރަށުން 49 މީހުން ޕޮޒިޓިވް ވެފާވާއިރު އޭގެތެރެއިން އެކަކު ވަނީ މިބަލީގައި ނިޔާވެފައެވެ. އެއީ މިމަހުގެ 25 ވަނަ ދުވަހު ކުއްލި ގޮތަކަށް ހއ. އަތޮޅު ހޮސްޕިޓަލުގައި ނިޔާވެގެން ޓެސްޓުހެދުމުން ކޯވިޑް19 އަށް ޕޮޒިޓީވްވެފައިވާ މީހެކެވެ.

މިއަދުވެސް އެރަށުން އަލަށް 5 މީހަކުވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިބަލިން އަދި އެއްވެސް ފަރާތެއް ރަނގަޅުވެފާނުވުމުން، އެރަށުގައި 49 އެކްޓިވްކޭސް އެބަތިއްބެވެ.

ދިއްދޫއިން މިހާތަނަށް ޖުމްލަ 546 ސާމްޕަލް ނެގިފަވާއިރު މީގެތެރެއިން 148 ސާމްޕަލްގެ ނަތީޖާ އަދި ލިބިފާނުވާކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރިއެވެ.