އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައިނުވާކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެ އެސީސިއޭޝަން އިން މިހެން ބުނެފައިވަނީ، ދިވެހި އެތުލީޓެއްގެ ބަދަލުގައި ރާއްޖޭގެ ޖާޒީ ލައިގެން އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލު ކުރިކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެން، އެކަންތައްވީގޮތް ސާފުކޮށް ދިނުމަށް މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެނޫސް ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އިންޑިއަން ގްރޭންޑް ޕްރީ 4 ގައި ރާއްޖޭގެ ޖާޒީގައި އިންޑިއާގެ އެތުލީޓަކު ދުވެފައިވާ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކައަކީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކައެއްކަމަށާއި އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައި ނުވާނެކަމަށެވެ.
"މީގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ގައުމެއްގެ ރަށްވެހިކަން އޮންނަ ރައްޔިތުންނޫން ބަޔަކަށް އެގައުމު ތަމްސީލްކުރުމުގެ ފުރުޞަތެއްނޯވެ. އަދި އެފަދަ އެއްވެސްކަމެއް
އެސޯސިއޭޝަންގެ ފަރާތުން ނުކުރާނެކަމުގެ ޔަގީންކަންވެސް ދެމެވެ."
އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިންޑިއަން އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އިންޑިއަން ގްރޭންޑް ޕްގައި ވާދަކުރުމަށް ފުރުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓް ނަތީޖާ ލިބުނު އިރު އަންހެން ޓީމްގެ 1 ދުވުންތެރިޔާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި އެއެތުލީޓް ޕޮޒިޓިވް ވުމާއި ގުޅިގެން ޕޮޒިޓިވްވީ އެތުލީޓާއި އިތުރު އަންހެން އެތުލީޓެއް އުނިކޮށް މުބާރާތަށް ދިޔައީ ޖުމްލަ 3 އަންހެން އެތުލީޓުންކަމަށް ބުނެފައިވެއެވެ.
"ރާއްޖޭގެ އަންހެން ޓީމްގެ ޢަދަދު 4 އެތުލީޓުންނަށްވުރެ މަދުވުމުން، މިދެންނެވި މު މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް ވާދަކުރުމުގެ ފުރުޞަތު ވަނީ ގެއްލިގެން ގޮސްފަ، މިހެން ކަމުން މި ދެމުބާރާތުގައި އަންހެން 100މ ރިލޭގައި ރާއްޖެއިން ވާދަކޮށްފައި ނުވެއެވެ."
އެބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ އެތުލީޓުން އިންޑިއާއަށް ގޮސް މުބާރާތުގައި ވާދަ ނުކޮށް އަނބުރާ އައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު އެ ކުދިންނަށް މުބާރާތުގައި ވާދަ ކޮށްލުމުގެ ފުރުޞަތެއް ތަނަވަސްކޮށް ދިނުމަށް އެސޯސިއޭޝަނުން މަސައްކަތްކޮށްފައިވާކަމަށާއި އެގޮތުން ކުރެވުނު މަސައްކަތުން ކުދިންނަށް ރިލޭގައި ވާދަ ކުރުމުގެ ފުރުޞަތު ވަނީ މުބާރާތް ރާވާ
ފަރާތުން ދީފަކަމަށް ބުނެފައިވެއެވެ.
"އެއީ ރާއްޖޭގެ 3 އެތުލީޓުންނަށް ދެވުނު ފުރުޞަތެކެވެ. އެއްވެސް ހާލެއްގައި ރާއްޖޭގެ ޤައުމީ ޓީމަށް ލިބުނު ފުރުޞަތެއް ނޫން ކަމުގައި ދެންނެވީމެވެ. އެގޮތުން އެ 3 އެތުލީޓުންނާއި އިންޑިއާގެ އެތުލީޓަކު ހިމަނައިގެން މުބާރާތުގެ ރިލޭ އިވެންޓުގައި ޓީމެއް ބައިވެރި ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން ވަނީ އެސޯސިއޭޝަނުން ހިފާފައެވެ. އެ އިވެންޓު ގައި
ބައިވެރިވުމަށް 3 އަންހެން އެތުލީޓުންނަށް ލިބުނު ފުރުޞަތުގެ ބޭނުން އެސޯސިއޭޝަނުން ހިފާފައިވަނީ ތަމްރީނު އަދި ތަޖުރިބާގެ އިވެންޓެއްގެ ގޮތުގައެވެ."
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ރިލޭ އިވެންޓްގައި ވާދަކުރި ރާއްޖޭގެ 3 އެތުލީޓުންނާއި އިންޑިއާގެ އެތުލީޓް ދުވުނު އިރު ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޓީމްގެ ދުވާ ކިޓެއްނޫންކަމަށާއި ނަމަވެސް ރިލޭގައި ވާދަކުރާ ހުރިހާ އެތުލީޓުންވެސް ތިބެން ޖެހެނީ އެއްވައްތަރެއްގެ ހެދުމެއްގައި ކަމުން، 4 އެތުލީޓުންވެސް އިވެންޓްގައި ބޭނުންކޮށްފައިވަނީ، އެތުލެޓިކްސް ޓްރެއިނިންގގައި ބޭނުންކުރާ ޓީޝާޓްކަމަށް ބުނެފައިވެއެވެ.
މި ދެ މުބާރާތުގައި ރާއްޖޭގެ އަންހެން 3 އެތުލީޓާއި އިންޑިއާގެ އެތުލީޓަކު ހިމެނޭގޮތަށް 100މ ރިލޭގައި 3 ފަހަރު ދުވެފައިވާކަަމަށާއި އަދި މި 3 ދުވުމުގެ ތެރެއިން 1 ދުވުމުގައި ރާއްޖޭގެ ގައުމީ ރިކޯޑަށްވުރެވެ ބާރަށް ވަނީ ދުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް މި އީ ރާއްޖޭގެ ގައުމީ ޓީމް ވާދަކޮށްފައިވާ އިވެންޓަކަށް ނުވާތީ، މި ރިކޯޑް އެސޯސިއޭޝަނުންވެސް އަދި ވާލްޑް އެތުލެޓިކްސް އިން ވެސް ރެޓިފައި ނުކުރާކަން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!