މުސްލިމަކު އޭނާގެ އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް

photo_2021-06-30_19-58-46

  •  
  •  
  •  
  •  
  •  
  •  
  •  

މުސްލިމަކު އޭނާގެ އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

“حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ”

މާނަ: ” އެއް މުސްލިމެއް އަނެއް މުސްލިމަކަށްޓަކައި އަދާކޮށްދޭން ޖެހޭ 6 ޙައްޤެއްވެއެވެ.”

قِيلَ: مَا هُنَّ يَا رَسُولَ اللهِ؟، قَالَ: «إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ، وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ» [رواه مسلم (2162)]

ދެން އެކަލޭގެފާނަށް ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާއާ ބައްދަލުވެއްޖެނަމަ ފަހެ، އޭނައަށް ސަލާމްގޮވާށެވެ. އަދި ދަޢުވަތެއް ދީފިނަމަ ފަހެ، އޭނާއަށް އިޖާބަދޭށެވެ. އަދި އޭނާ ނަސޭހަތަކަށް އެދެފިނަމަ ފަހެ، އޭނާއަށް ނަސޭހަތްތެރިވާށެވެ. އަދި ކިނބިހިއެޅުމާއެކު އޭނާ الْحَمْدُ لِلَّهِ ކިޔައިފިނަމަ، ފަހެ، يَرْحَمُكَ اللَّهُ ކިޔައި އޭނައަށްޓަކައި ދުޢާކޮށްދޭށެވެ. އަދި އޭނާ ބަލިވެއްޖެނަމަ ފަހެ، އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި މަރުވުމުން ފަހެ، އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.”

ފުރަތަމަ ކަމެއްކަމުގައި މިވަނީ ސަލާމް ގޮވުމުގެ ވާހަކައެވެ. ރާއްޖޭގައި ސަލާމް ގޮވުން އާދަ ވެފައިވަނީ ދަންނަ މީހުންގެ މެދުގައެވެ. އެވެސް ބައެއް ފަހަރުއެވެ. އެހެންނަމަވެސް މިއީ އިސްލާމް ދީން އުނގަންނައިދޭ މަންހަޖެއް ނޫނެވެ. މުސްލިމެއް ކަމުގައިވާނަމަ، އޭނާއަކީ ދަންނަމީހެއް ނަމަވެސް ނުވަތަ ނުދަންނަ މީހެއް ނަމަވެސް ބައްދަލުވާއިރަށް ސަލާމް ގޮވާލަންވާނެއެވެ. މަގުމަތިން ހިނގާފައިދާއިރު ކިހާ މީހުންނަކާ ދިމާވާނެތޯއެވެ.

އެތައްބަޔަކާ ހަތަރު ކަޅި ހަމަވެ ނިތްކުރި އެއްލާލާފައި ދާއިރު ސަލާމް ގޮވާލަން ހަނދާން ވަނީ ކިތައްފަހަރު ތޯއެވެ. ނުވަތަ ދިވެހިންގެ ސަލާމެއް ކަމުގައި މިއަދު ވެފައިވަނީ ނިތްކުރި އެއްލައިލުން ތޯއެވެ. އެހެން ނަހައްދަވާށެވެ. ބައެއް އިސްލާމީ ޤައުމުތަކުގައި، ޚާއްސަކޮށް ޢަރަބި ޤައުމު ތަކުގައި މިއީ އަދިވެސް ވަރަށް ރަނގަޅަށް ކުރަމުންދާ ކަމެކެވެ. މަގުމަތިން ހިނގާފައިދާއިރު ކޮންމެ މީހަކާ ބައްދަލުވެފައި ދިޔަ ނަމަވެސް ސަލާމް ގޮވާ ނުލާ ދާ މީހަކު ވަރަށް މަދުވާނެއެވެ. ކިހާ ރީތި އާދައެއްތޯއެވެ. އެހެން ކަމުން މިފަދައިން ސަލާމް ގޮވުން އިތުރުކުރަން މަސައްކަތް ފަށަމާ ހިނގާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. «لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ» [رواه مسلم  (54)]

މާނަ: މާނައީ: “ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށްދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ.”

ދެން މިވަނީ ދަޢުވަތް ޤަބޫލު ކުރުމުގެ ވާހަކައެވެ. މީހަކު ތިބާއަށް މިސާލަކަށް ކެއުމަކަށް ދަޢުވަތެއް ދީފި ނަމަ، އޭގައި ޙަރާމެއް އެކުލެވިފައި ނުވާ ނަމަ އެކަން ޤަބޫލު ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ. އާއެކެވެ. އަދި ދޭހާ ދައުވަތަކަށް އިޖާބަ ދޭކަށެއް ނުޖެހޭނެއެވެ. މިސާލަކަށް އެކީ އުޅޭ މީހަކު “ޑީޖޭ” އަކަށް ދައުވަތު ދީފި ނަމަ އެއީ ޙައްޤެކޭ ކިޔާފަ އެތަނަށް ގޮސްގެން ނުވާނެއެވެ. ނަމަވެސް އެފަދަ ނުބައި ކަމެއް ނުވާ ކަންކަމުގައި މުސްލިމް އަޚާ ދޭ ދަޢުވަތް ޤަބޫލު ކުރަންވާނެއެވެ. އޭއީ ވެސް އިޖުތިމާޢީ ގުޅުންތައް ބަދަހިވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ފުޅެއްގައިވެއެވެ.

«إِذَا دُعِيَ أَحَدُكُمْ إِلَى طَعَامٍ، فَلْيُجِبْ، فَإِنْ شَاءَ طَعِمَ، وَإِنْ شَاءَ تَرَكَ» [رواه مسلم (1430)]

މާނަ: މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ކެއުމަކަށް ދަޢުވަތު ދެވިއްޖެނަމަ، ފަހެ، އިޖާބަދޭށެވެ. ދެން އެމީހަކު ބޭނުންނަމަ ކާށެވެ. ކާން ބޭނުން ނުވާނަމަ ނުކާށެވެ.”

ތިންވަނަކަމަކަށް މިވަނީ ނަޞޭޙަތް ދިނުމުގެ ވާހަކައެވެ. އަޅުގަނޑުމެން އަބަދުމެ ތިބެނީ ހެޔޮ ނަސޭޙަތެއް އަޑު އިވުމާށް ޙާޖަތް ޖެހިފައެވެ. ރަޙުމަތްތެރިއަކާ ބައްދަލުވެ، ވަކި ވުމުގެ ކުރިން ކޮންމެވެސް ހެޔޮ ކަމެއްގެ ވާހަކަ ދައްކާލައި ނަސޭހަތުގެ ވާހަކައެއް ދައްކާލުން އެއީ ވަރަށާތް ސިފައެކެވެ. އަދި މުސްލިމަކު ނަޞޭޙަތެއް ދޭން އެދޭ ހިސާބުން ތިމާއަށް ކުޅަދާނަވީ މިންވަރަކުން އޭނާއަށް ނަޞޭޙަތްތެރި ވުމަކީ އޭނާއަށް އަދާކޮށްދޭން ޖެހޭ ޙައްޤެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. «الدِّينُ النَّصِيحَةُ.» قُلْنَا: «لِمَنْ؟» قَالَ: «لِلهِ، وَلِكِتَابِهِ، وَلِرَسُولِهِ، وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ». [رواه مسلم (55)]

މާނަ: ”ދީނަކީ ނަޞޭޙަތެވެ.“ ތިމަންމެން (ޞަޙާބީން) ދެންނެވީމެވެ. ”ކޮން ބަޔަކަށް ތޯއެވެ؟ “ ޙަދީޘްކުރެއްވިއެވެ. ”ﷲ އަށާއި، އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާ­އަށާއި، މުސްލިމުންގެ އިމާމުންނަށާއި، ޢާންމުންނަށެވެ.“

ހަތަރުވަނަ ޙައްޤަކީ ކިނބިހިއަޅާފައި އޭނާ ޙަމްދުކުރުމުން، އޭނައަށް ރަޙްމަތްލެއްވުން އެދި ދުޢާކޮށްދިނުމެވެ. އަދި އޭނާއަށް ރަޙްމަތް އިތުރުކޮށް ދެއްވުން އެދުމެވެ. މިއީވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އާލާކުރަން ޖެހިފައިވާ ވަރަށް ރީތި ސިފައެކެވެ.

މުސްލިމަކު އޭނާގެ މުސްލިމު އަޚާއަށް އަދާކޮށްދޭން ޖެހޭ ފަސްވަނަ ޙައްޤަކީ، އޭނާ ބަލިވުމުން އޭނާއަށް ޒިޔާރަތްކުރުމެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.

«مَا مِنِ امْرِئٍ مُسْلِمٍ يَعُودُ مُسْلِمًا إِلَّا ابْتَعَثَ اللَّهُ سَبْعِينَ أَلْفَ مَلَكٍ يُصَلُّونَ عَلَيْهِ فِي أَيِّ سَاعَاتِ النَّهَارِ كَانَ حَتَّى يُمْسِيَ وَأَيِّ سَاعَاتِ اللَّيْلِ كَانَ حَتَّى يُصْبِحَ» [رواه ابن حبان  2958 ، وصححه الألباني في صحيح الجامع الصغير (5687)]

މާނަ: އެއްވެސް މުސްލިމަކު އަނެއް މުސްލިމަކު ބަލިވެގެން ޒިޔާރަތްކުރުމަށްޓަކައި ހެނދުނު ހިނގައްޖެނަމަ ހަވީރު ވަންދެން އަދި ރޭގަނޑު ހިނގައްޖެނަމަ ހެނދުނު ވަންދެން، އޭނާގެ މައްޗަށް ދުޢާކޮށްދޭން ހަތްދިހަ ހާސް މަލާއިކަތުން ﷲ ފޮނުއްވައެވެ.”

އެންމެ ފަހު ޙައްޤެއްކަމުގައި މިވަނީ، އޭނާ މަރުވުމުން އޭނާގެ ޖަނާޒާގައި ބައިވުމެވެ. އެހެންކަމުން މުސްލިމަކު މަރުވުމުން އޭނާގެ ކަށުކަމާ ކެމީގެ ކަންތައްކޮށް އޭނާގެ މައްޗަށް ޖަނާޒާގެ ނަމާދު ނުވަތަ ދިވެހިން އާންމުކޮށް ކިޔާފަދައިން ކަށުނަމާދު ކޮށް އޭނާ ވަޅު ލުމަކީ އުންމަތުގެ މައްޗަށްވާ ކިފާޔަތުގެ ފަރުޟެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

«مَنِ اتَّبَعَ جَنَازَةَ مُسْلِمٍ، إِيمَانًا وَاحْتِسَابًا، وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا، فَإِنَّهُ يَرْجِعُ مِنَ الأَجْرِ بِقِيرَاطَيْنِ، كُلُّ قِيرَاطٍ مِثْلُ أُحُدٍ» [رواه البخاري 47]

މާނަ: މާނައީ: “މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، އެކަމުން ލިބޭ ޘަވާބަށް އީމާންވެ އަދި އެކަމަށް އެދިގެން، އޭނާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާ ނިމެންދެން އެކަމުގައިވާ މީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ އެނބުރި އެއަންނަނީ ދެ ޤީރާޠުގެ އަޖުރާއިގެންނެވެ. ކޮންމެ ޤީރާޠެއް އުޙުދު ފަރުބަދައާ އެއްވަރެވެ.”

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.