ހއ. ކެލާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަކަރިތައް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ.

ކެލާ ކައުންސިލުން މިއަދުކުރި ޢިއުލާނެއްގައި ބުނީ، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަކަރިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަކަރިތައް ބަލަހައްޓައިދޭނެ ބަޔަކު ހޯދަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ގޮސް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެމަށް ފުރުޞަތު ހުޅުވާލާފައި ވާއިރު، މައުލޫމާތު ސާފުކުރުން އޮންނާނީ 24 ޖޫންވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކަމަށް ކެލާ ކައުންސިލްގެ އިއުލާންގައި ވެއެވެ. އަންދާސީ ހިސާބު ހުށަހަޅަށް ޖެހެނީ 30 ޖޫންވާ ބުދަދުވަހުގެ ހެނދުނު 11:00 ގައެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ކެލާ ކައުންސިލުން ބުނެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖޫން 2011 އިން 24 ޖޫން 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް ކެލާ ކައުންސިލް އިދާރާއަށް ދިޔުމުން މި މަސައްކަތަށް ކުރިމަތިލުމަށް ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަކަމަށް ކެލާ ކައުންސިލުން ބުނެއެވެ.

ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް "ތިލަދުން"އަށް ވިދާޅުވީ، އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް 10 ބަކަރީގެ ތެރެއިން މިހާރު ދުނިޔޭގައި އޮތީ 6 ބަކަރި ކަމަށެވެ.

"އެއްގޮތަކަށް ވެސް ބަކަރި އާލާވާގޮތެއް ނުވޭ، އެހެންވެ ގިނަ ފަރާތްތަކެއް މަޝްވަރާ ހޯދުމަށްފަހު މިހާރު މަސައްކަތް މިކުރަނީ ބަކަރިތައް ގެންގުޅޭ ލޮކޭޝަން ބަދަލުކޮށްލަން،" އިންފާޒް ވިދާޅުވިއެވެ.

އިންފާޒް ވިދާޅުވީ، މިއީ ފުޑް ސެކިއުރިޓީ އިތުރުކޮށް، ކެލާ ކައުންސިލަށް އާމްދަނީ ހޯދުމުގެ ބޭނުގައި ފަށާފައިވާ މަސައްކަތެއް ކަމަށެވެ. މިއީ ކެލާ ކައުންސިލާއި، އެގްރިކަލްޗަރ މިނިސްޓްރީ ގުޅިގެން މީގެ 4 ވަރަކަށް އަހަރު ކުރިން ފެށި މަސައްކަތެކެވެ.