ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އާޖެންޓީނާއާއި އުރުގުއޭ ބައްދަލުކުރި މެޗު އާޖެންޓީނާއިން ކާމިޔާބު ކުރިއިރު ޗިލީ ވެސް އެ ޓީމުން ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ ފަތިހު ކުޅުނު މެޗުގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ އުރުގުއޭގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ޗިލީއާއި ބައްދަލުކޮށް 1-1 ގެ ނަތީޖާއިން ވަނީ އެއްވަރު ވެފައެވެ. ވުމާއެކު ރޭގެ މެޗަކީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ދެވަނަ މެޗެވެ. އަދި މޮޅެއް ލިބުނު ފުރަތަމަ މެޗެވެ.
މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން އުރުގުއޭއިން ކުޅުނު ނަމަވެސް މެޗުގައި ގިނަ ހަމަލާ އުފައްދާފައި ވަނީ އާޖެންޓީނާއިންނެވެ. މެޗުގެ ހަވަނަ މިނެޓުގައި އޭރިއާ ބޭރުން މެސީ ފޮނުވާލި ބާރު ހަމަލާ އުރުގުއޭގެ ކީޕަރު ދިފާއުކުރި އިރު، އޭގެ ދެ މިނެޓް ފަހުން ވެސް އާޖެންޓީނާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ.
މި މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ރޮޑްރިގޭޒްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ މެސީ އުރުގުއޭގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި މެޗުގައި އުރުގުއޭއަށް ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއެވެ.
ހުކުރު ދުވަހުގެ ރޭ ދަންވަރު މި ގްރޫޕްގައި ޗިލީއާއި ބޮލީވިއާ ބައްދަލުކުރި މެޗު ޗިލީން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.
މި މެޗުގައި ޗިލީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމުން ފުރަތަމަ ހަމަލާ އުފެއްދިއިރު އެ ހަމަލާ ވަނީ ބޮލީވިއާގެ ކީޕަރު ދިފައު ކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެޑުއާޑޯ ވާގަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބެން ބެރެރެޓޮންއެވެ. ޗިލީން ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ ބޮލީވިއާގެ ކީޕަރ ކާލޮސް ލަމްޕޭއެވެ
މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެންމެ ކުރީގައި އޮތް އާޖެންޓީނާ އަދި ޗިލީއަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނާގައި ޕެރަގުއޭ އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް އުރުގުއޭ އާއި ބޮލީވިއާއަށް އަދި ޕޮއިންޓެއް ލިބިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!