ހއ. ދިއްދޫ ކައުންސިލްގެ "4 ވަނަ އަޟްޙާ ޢީދު ފުޓްބޯޅަ މުބާރާތް 2021" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިގޮތުން މި މުބާރާތުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީކުރާ ފޯމް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނެ ސުން ގަޑިއަކީ، 2021 ޖޫން 29 ވާ އަންގާރަ ދުވަހުގެ 13:00 ކަމަށެވެ.
ދިއްދޫ ކައުންސިލާއި ދިއްދޫ އިޖުތިމާއީ މަރުކަޒު ގުޅިގެން ކުރިއަށްގެން ދާ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ދިއްދޫގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ކުލަބް ޖަމްޢިއްޔާތަކާއި ދިއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ އާދަ އިތުރުކުރުން ކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.
މީގެއިތުރުން ދިއްދޫގައި ފުޓްބޯޅަ ކުޅުމުގެ ހުނަރާއި އާދަ އިތުރުކުރުމާއި ފުޓްބޯޅަ މުބާރާތްތަކުގައި ވާދަކޮށް ކުޅިވަރުގެ ފުރުޞަތު ކުލަބު ޖަމްޢިއްޔާތަކާއި ޒުވާނުންނަށް ފަހިކޮށްދިނުން ރާއްޖޭގެ ފެންވަރުގައި، ކުޅިވަރުގެ ހުނަރާއި ތަމްރީން ލިބިފައިތިބި ޤާބިލް ޒުވާނުން އުފައްދައި އެ ޒުވާނުން ކުޅިވަރުގެ މައިދާނަށް ނެރުމަކީ ވެސް މި މުބާރާތްބާއްވާ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓްގައި ރަޖިސްޓަރީ ވެފައިވާ ދިއްދޫގެ ކްލަބް ޖަމިއްޔާތަކަށާއި، ޓީމްތަކަށެވެ. މި ޝަރުޠުހަމަވާ ދިއްދޫގެ ކްލަބް، ޖަމިއްޔާތައް ކުޅުންތެރިންނާއި، އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭފޯމް ފުރުއްވުމަށްފަހު 4 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ހުށަހެޅުއްވުމަށް ވެސް އެކައުންސިލުން ވަނީ ފުރުޞަތު ދީފައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 5000.00 ރުފިޔާގެ ރިފަންޑް ނުކުރެވޭ ފީއެއް ދައްކަން ޖެހެއެވެ. އަދި 1000 ރުފިޔާގެ ރިފަންޑް ކުރެވޭ ފީއެއް ވެސް ދައްކަންޖެހެއެވެ. މިފީ ރީފަންޑް ކުރެވޭނީ ޓީމެއްގެ ކުޅުންތެރިންނަށް ދައްކާ ރަތްކާޑާއި، ރީނދޫކާޑުގެ އިތުރުން ފިޔަވަޅުއެޅޭ އަޚްލާޤީ މައްސަލަތައް ދައްކަންޖެހޭ ޖޫރިމަނާ ކެނޑުމަށްފަހުގައި ކަމަށް މުބާރާތުގެ ގަވާއިދުގައި ބަޔާންކޮށްފަވެއެވެ.
މި މުބާރާތަކީ ޓްރޮފީގެ އިތުރުން ޗެޕްޕިއަން ޓީމަށް 10 ހާސް ރުފިޔާ، ރަނަރަޕްޓީމަށް 5 ހާސް ރުފިޔާ އަދި ފެއާ ޕްލޭ ޓީމަށް 1500 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ މުބާރާތެކެވެ. މީގެއިތުރުން ވެސް ފުޓްބޯޅަ މުބާރާތްތަކުގައި އާންމުކޮށް ހޮވާ ވަނަތައް މި މުބާރާތުގައި ވެސް ހޮވާނެއެވެ.
ދިއްދޫއަކީ ކުޅިވަރުގެ ފޯރި، ޚާއްޞަކޮށް ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!