"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވާ ކަމަށާއި، އަދި އެއްވެސް މުސްލިމަކާއި ދިމާއަށް އަނެއް މުސްލިމަކަށް އެމީހަކީ ކާފަރެއްކަމުގައި ބުނުމުގެ ހައްގެއް ނޯންނާނެކަންވެސް ޤަބޫލުކުރާ ކަމަށް ށ. ފޭދޫ ކައުންސިލުން ބުނެފިއެވެ.
ށ. ފޭދޫ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ އިސްލާޙުތަކާއިގުޅޭ ބިލް ފަރުމާކުރެވިފައިވާ ގޮތުން، އެބިލް ފާސްވި ޤާނޫނެއްގެ ގޮތުގައި
ބޭނުންކުރަން ފެށިއްޖެނަމަ، އިސްލާމުދީނަށް ފުރައްސާރަކުރާ މީހުން، ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށް އެޤާނޫނުގެ
ބޭނުންހިފަމުންދާނެކަމަށް އެ ކައުންސިލަކާއި، ފޭދޫގެ ލޮބުވެތި ރައްޔިތުންނަށް ޤަބޫލުކުރެވޭ ކަމަށެވެ.
"މިއީ މިކައުންސިލާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް މިކައުންސިލުން ފާހަގަކުރަމެވެ. ހަމައެހެންމެ އެއްވެސް މުސްލިމަކާއި ދިމާއަށް އަނެއް މުސްލިމަކަށް އެމީހަކީ ކާފަރެއްކަމުގައި ބުނުމުގެ ހައްގެއް ނޯންނާނެކަންވެސް ޤަބޫލުކުރަމެވެ." ފޭދޫ ކައުންސިލުން ބުނެފައިވެއެވެ.
މުންކަރާތްތައް ނަހީކުރުމަކީ އިސްލާމުދީނުގެ އެންމެ މުހިންމު އެއް އަސާސްކަމަށާއި، މިބިލު ފަރުމާކުރެވިފައިވަނީ އެދޮރު ބަންދުވެގެންދާގޮތަށްކަމަށް އިލްމުވެރިން ވިދާޅުވަމުންދާއިރު، މިފަދަ ކޮންމެ ކަމެއްގައި ޢިލްމުވެރިންގެ ބަސްހޯދައި، ޤާނޫނަށް ގެނެވޭ އިސްލާޙުތަކަކީ މާތްވެގެންވާ އިސްލާމުދީނާއި ދީނުގެ އަސާސްތަކާއި އެއްގޮތަށް ގެނެވޭ އިސްލާހުތަކެއްކަން ކަށަވަރުކުރުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ގޮވައިލާ ކަމަށް ވެސް ފޭދޫ ކައުންސިލްގެ ބަޔާނުގައި ބުނެފަވެއެވެ.
ފޭދޫ ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް ހިމެނޭހެން އިތުރު 2 މެންބަރެއް ތަމްސީލް ކުރަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީންނެވެ. ދެން އެ ކައުންސިލްގައި ހިމެނެނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ 2 ކައުންސިލަރުންނެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 85 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އެ ބަޔާންތަކުގައި 430 އަށް ވުރެ ގިނަ ކައުންސިލަރުން ވަނީ ސޮއިކޮށްފައެވެ.
މީގެއިތުރުން މި ބިލު އަނބުރާ ގެންދަން ގޮވާލައި، ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އިއްޔެ ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!