ބަލީގެ އަލާމާތް ހުރެގެން ހއ. ފިއްލަދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ 17 ޖޫން 2021 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:20 ގައެވެ.
މި ކަމާއި ގުޅިގެން ފިއްލަދޫ ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވަނީ 16 ޖޫން 2021 ބުދަ ދުވަހު ބަލީގެ އަލާމާތް ހުރުމުގެ ސަބަބުން އެ ރަށު ފުލޫ ކުލިނިކަށް ދެއްކި ފަރާތެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށުމަށް މިހާރު އެރަށު ސިއްހީ މަރުކަޒުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ކައުންސިލުންވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ފިއްލަދޫގެ އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އިދިލައްވާފައެވެ.
މިކަމާއި ގުޅިގެން މަޢުލޫމާތު ދެއްވަމުން ފިއްލަދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާރ އަނަސް މޫސާ "ތިލަދުން"އަށް ވިދާޅުވެފައި ވަނީ ފިއްލަދޫއިން ޕޮޒިޓިވް ވެފައިވަނީ 18 އަހަރުން ދަށުގެ ޓްރެވެލް ހިސްޓްރީ ނެތް ކުއްޖެއް ކަމަށެވެ.
މި ކޭހާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރެވިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު މި ކޭހާއި ގުޅިގެން ނަގަންޖެހޭ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ފިއްލަދޫ ސިއްހީ މަރުކަޒުން ފަށައިގެން ކުރިއަށް ދާ ކަމަށެވެ.
އަނަސްވަނީ މި ހާލަތުގައި ރައްޔިތުން ތެދު މަޢުލޫމާތު ފޯރުކޮށް ދެއްވުމަށް ވެސް އެދިލައްވާފައެވެ. އަދި މޮނީޓަރިންގެ ހާލަތުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވެ ކެތްތެރިކަން އިސްކުރުމަށް އަނަސް ވަނީ ރައްޔިތުންގެ ފަރާތުން އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!