ހދ. ހަނިމާދޫގައި ކަރަންޓީން ކޮށްފައިވާ ގެއަކަށް ހުއްދަ ނުހޯދާ ސިފައިންގެ ދެ ބޭފުޅަކު ވަތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގައި މަސައްކަތް ކުރައްވާ ސިފައިންގެ މި ދެ ބޭފުޅުން ވަދެފައިވަނީ ހަނިމާދޫ، ނޫވިލު ކިއާ ގެއަކަށެވެ. އެ ގެއަކީ މި މަހުގެ ފަސްވަނަ ދުވަހު ހަނިމާދޫއިން ކޯވިޑަށް ޕޮޒިޓިވްވި، ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ޑރ. ވަހީދު ގެ ތިން ބޮޑީގާޑުން ކަރަންޓީން ކުރެވިފައިވާ ގެއެވެ.
މިއަދުގެ ވަގުތެއްގައި މި މައްސަލަ ފެންމަތިވެފައިވާއިރު، މި މައްސަލައާއި ގުޅިގެން މިހާރު އެ ސިފައިންގެ ދެ ބޭފުޅުން ޖޫރިމަނާކޮށް ވަނީ ކަރަންޓީން ކޮށްފައެވެ.
ތިލަދުން ނޫހަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުޙައްމަދު ވިދާޅުވެފައިވަނީ ހުއްދަ ނުހޯދާ ކަރަންޓީން ކޮށްފައިވާ ގެއަކަށް އެމްއެންޑީއެފްގެ ދެ ބޭފުޅަކު ވަދެފައިވާ މައްސަލައަކާއި ގުޅިގެން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށެވެ.
"ނަމޫނާއަކަށް ވާންޖެހޭ ބޭފުޅުންގެ އަމަލުތައް މިހެން ހުރުމަކީ ހިތާމަކުރާކަމެއް، މިއީ އާންމުންގެ މީހަކަށް ފެނިގެން ކުރި ރިޕޯޓަކުން އަޅު ފިޔަވަޅެއް ނޫން، އެ ދެ ބޭފުޅުން އެގެއިން ނުކުންނަނިކޮށް ފެނުނީ ޚުދުއަޅުގަނޑަށާއި، ކައުންސިލް މެންބަރު އަލީއަށާއި ދެމީހުންނަށް، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މިހާރު ވާނީ އެ ދެ ބޭފުޅުންނަށް ފިޔަވަޅު އަޅާފައި" ފިރާގް ވިދާޅުވިއެވެ.
ފިރާގު އިތުރަށް ވިދާޅުވެފައިވަނީ ކަރަންޓީން ކޮށްފައިވާ ގޭގެއަށް ވަދެވޭނީ އެކަމަށް ހޯދަންޖެހޭ ހާއްސަ ހުއްދައެއް ހޯދައި ހާއްސަ އުސޫލެއްގެ މަތިން ކަމަށެވެ. ވުމާއެކު ޤައުމުގެ މިފަދަ ޒިންމާދާރު މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން ވިޔަސް އަދި އާންމު ފަރާތެއް ވިޔަސް އުސޫލަށް ތަބާވާން ވާނެ ކަމަށެވެ. ތަބާނުވާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. ފިރާގު އިތުރަށް ވިދާޅުވެފައިވަނީ ކޯވިޑްގެ އުނދަގޫ މިހާލަތުގައި ހަނިމާދޫ ރައްޔިތުން ދެއްވާ އެއްބާރުލުމާއި ދައްކަވަމުން ގެންދަވާ ނަމޫނާއަށް ޝުކުރު އަދާކޮށްފައެވެ.
ހަނިމާދޫ މި މަހުގެ ނުވަވަނަ ދުވަހު އެޗްޕީއޭއިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. މިވަގުތު ހަނިމާދޫގައި މި ބަލި ޖެހިފައިވާ ހަތް މީހަކު އެބްތިއްބެވެ. މި ބައްޔާއި ގުޅިގެން މިވަގުތު ހަނިމާދޫގެ ގިނަ ގޭތަކެއް ވެސް ވަނީ ކަރަންޓީން ކުރެވިފައެވެ.
ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ހަނިމާދޫގައި ކާފިއު ހިންގަމުން އަންނައިރު، ފިހާރަތަށް ވެސް އިރުއޮއްސި 06:00 ގައި ވަނީ ބަންދުކުރަން އަންގާފައެވެ. ހޮޓާތަކުން ހަމައެކަނި ދެމުން ގެންދަނީ ޑެލިވަރީގެ ޚިދުމަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!