ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ބ.ތުޅައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސޭނު ހުށަހަޅާފައިވާ "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަތުމަށް، ބޮޑު ތިލަދުންމަތީގެ މެންބަރުންގެ ތެރެއިން "ނޫނެކޭ" ބުނީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޮޑު ތިލަދުންމަތީގެ 15 މެންބަރުން ތިއްބެވިއިރު، މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެފައިވަނީ 7 މެންބަރުންނެވެ. މީގެތެރެއިން 6 މެންބަރުން ފެންނަކަމަށް ވޯޓު ދެއްވާފައިވާއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ މޮސްޓާ އެކަންޔެވެ.

Ad
rt

މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މިގޮތުން 124 ވަނަ މާއްދާގެ ގޮތުގައި "ނަފްރަތުގެ އަމަލު ހިންގުން" ނަމުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހުށަހަޅާފަ އެވެ.

މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށް ވެސް ވަނީ ހިމަނާފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމަށް އެ މާއްދާގައި ބުނެއެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރިކަމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއީ ޖުނަޙްގެ އެއްވަނަ ދަރައިގެ ކުށެއް ކަމަށް ވަނީ ބިލުގައި ބުނެފައެވެ.

ބޮޑު ތިލަދުންމަތިން ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުލީ މެންބަރުން:

  1. މުޙައްމަދު ނަޝީދު ޢަބްދުﷲ، ނޮޅިވަރަމް ދާއިރާ (އަމިއްލަ)

ބޮޑު ތިލަދުންމަތިން ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓުލީ މެންބަރުން:

  1. އަޙްމަދު ސަލީމް، ހޯރަފުށި ދާއިރާ (އެމްޑީޕީ)
  2. މުޙައްމަދު ޝިފާޢު، އިހަވަންދޫ ދާއިރާ (އެމްޑީޕީ)
  3. ޢަބްދުﷲ ވަޙީދު، ދިއްދޫ ދާއިރާ (އެމްޑީޕީ)
  4. ޢަބްދުލްޣަފޫރު މޫސާ، ހަނިމާދޫ ދާއިރާ (އެމްޑީޕީ)
  5. ޢަލީ ރިޟާ، މިލަންދޫ ދާއިރާ (އެމްޑީޕީ)
  6. މުޙައްމަދު ޝާހިދު، ފުނަދޫ ދާއިރާ (އެމްޑީޕީ)

ބޮޑު ތިލަދުންމަތިން ވޯޓުގައި ބައިވެރި ނުވާ މެންބަރުން:

  1. އަޙްމަދު ޢަބްދުﷲ، ބާރަށު ދާއިރާ (އެމްޑީޕީ)
  2. އިބްރާހީމް ޝަރީފް، ކެލާ ދާއިރާ (އެމްޑީޕީ)
  3. ޙުސައިން ޒިޔާދު، ވައިކަރަދޫ ދާއިރާ (އެމްޑީޕީ)
  4. ޔާސިރު ޢަބްދުއްލަޠީފް، ކުޅުދުއްފުށި އުތުރު ދާއިރާ (އެމްޑީޕީ)
  5. ޖަމްޝީދު މުޙައްމަދު، ކުޅުދުއްފުށި ދެކުނު ދާއިރާ (އެމްޑީޕީ)
  6. މުޙައްމަދު ރާޢީ، މަކުނުދޫ ދާއިރާ (އެމްޑީޕީ)
  7. ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ކަނޑިތީމު ދާއިރާ (އެމްޑީޕީ)
  8. ޙުސައިން ވަޙީދު، ކޮމަންޑޫ ދާއިރާ (އެމްޑީޕީ)

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދު ގެ ޖަލްސާގައި ޤާނޫނު އިޞްލާޙު ގެނައުމުގެ ހުށަހަޅާފައިވާ ބިލު މަޖިލީހަށް، ހާޒިރުވި މެންބަރުންގެ ތެރެއިން ޖުމްލަ 38 މެންބަރުންގެ ވޯޓާއެކު ވަނީ ބަަލައިގަނެފައެވެ. އަދި މި ޖަލްސާގައި ބައިވެރި ވެފައިވަނީ ޖުމްލަ 56 މެންބަރުންނެވެ. މީގެތެރެއިން މިބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނީ 17 މެންބަރުންނެވެ. ޖަލްސާ ކުރިއަށްގެންގޮސްފައި ވަނީ އޮންލައިން ކޮންނެވެ.