ހދ. ކުޅުދުއްފުށި ސިޓީ އިން އިއްޔެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާތަނަށް 27 ޑައިރެކްޓް ކޮންޓެކްޓުން ހޯދާ 13 ގެއެއް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
އެ ސިޓީ އިން ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ މެންދުރު ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފުލޫ އޯޕީޑީއަށް ދެއްކި މާލެ ދަތުރު ކުރާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ 45 އަހަރުގެ ފިރިހިނެކެވެ.
މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާމަކުރި ގޮތުގައި ކޮންޓެކްޓް ޓްރޭސިންއަށް ރޭގައި ސާމްޕަލް ތަކެއް ނެގިފައި ވާކަމަށާއި އެ ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެކަމަށާއި އަދި މިރޭވެސް އިތުރު ސާމްޕަލްތައް ނެގިގެންދާނެކަމަށެވެ.
މިކޭސް އާއި ގުޅިގެން ކޭއާރްއެޗްގެ ހެލްތު ސަރވިސަސް މެނޭޖަރ، އަޙްމަދު ދާއޫދު ވަނީ އެ ސިޓީގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ސާކިއުލާއާ އެއްގޮތަށް ކާފިއު ހިންގޭނެކަން ފާހަގަކުރައްވާ އޭނާ ވަނީ ކާފިއުގެ އުސޫލުތަކަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.
"ކުޅުދުއްފުށި ސިޓީގައި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިގެން ދަނީ މާތް ﷲ ގެ ރަހްމަތްފުޅާއެކު، ކަންކަން ތަންފީޒު ކުރަން ތިބި ފަރާތްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތުން ކަން ޔަޤީން"
އަޙްމަދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ މިހާރު ވަނީ މޮނިޓަރިންގެ ހާލަަތަށް ގެނެވިފައެވެ. އެސިޓީގައި މިވަގުތު 4 މީހަކު ޕޮޒިޓިވްވެފައި އެބަތިއްބެވެ. 3 މީހުންނަކީ ފުރަބަންދުގައިތިބި މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!