ހދ. މަކުނުދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ހދ. އަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދު 105 އަށް އަރައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ މަކުނުދޫ އަލަށް ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި ހިމެނެނީ މަކުނުދޫ ފްލޫ ކްލިނިކުން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ސާމްޕަލަކާއި، ކޮންޓެކްޓު ޓްރޭސިން ސާމްޕަލްތަކުގެ ގޮތުގައި ނެގި ސާމްޕަލަކުން ޕޮޒިޓިވްވި 7 ސާމްޕަލެއް ކަމަށެވެ.
މަކުނުދޫގައި މިބަލީގެ 11 މީހަކު މިހާރު ތިބިއިރު އެރަށް ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވުމުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.
މަކުނުދޫން މިހާތަނަށް ކޯވިޑަށް ޓެސްޓް ކުރުމަށް 644 ސާމްޕަލެއް ނަގާފައިވާއިރު، އޭގެތެރެއިން 615 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އެރަށުން މިހާތަނަށް ޖުމްލަ ޕޮޒިޓިވްވީ 25 މީހެކެވެ. 14 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެރަށުގައި މިހާތަނަށް 545 މީހަކު ހޯމް ކަރަންޓީނު ކުރެވިފައިވާއިރު، މިވަގުތު ހޯމް ކަރަންޓީނު ކުރެވިފައި ތިބީ 45 މީހެކެވެ.
ހދ. އަތޮޅުގައި މިވަގުތު ކޯވިޑް ބަލީގެ 105 މީހަކު އެބަތިއްބެވެ. އެއީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 60 މީހަކާއި، ހޯމް ކަރަންޓީނު ފުރިހަމަކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 29 މީހަކާއި، ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 14 މީހެއްގެ އިތުރުން ފްލޫ ކްލިނިކް ސާމްޕަލްތަކުން ޕޮޒިޓިވްވި 2 މީހެކެވެ.
އެ އަތޮޅުގައި ކޯވިޑް ބަލީގެ އެންމެ ގިނަ މީހުން ތިބީ ނޭކުރެންދޫގައެވެ. އެރަށުގައި މިބަލީގެ 67 މީހުން ތިބިއިރު އެރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.
ދެން އެންމެ މިބަލީގެ އެންމެ ގިނަ މީހުން ތިބީ މަކުނުދޫގައެވެ. އެރަށުގައި މިބަލީގެ 11 މީހަކު ތިބިއިރު، ކުޅުދުއްފުށީ ސިޓީގައި މިބަލީގެ 8 މީހަކު އެބަތިއްބެވެ. ފިނޭގައި 8 މީހަކު، ހަނިމާދޫގައި 4 މީހަކު، ވައިކަރަދޫގައި 3 މީހަކު، ނޮޅިވަރަމްގައި 2 މީހަކު އަދި ކުރިނބީއާއި ނައިވާދޫގައި ވެސް އެއިން ކޮންމެ ރަށަކު މިބަލީގެ އެކަކު އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!