އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ޖެހިއިތާ 6 މަސް ފަހުންވެސް 2 ވަނަ ޑޯޒު ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ވެކްސިން ޕްރަގްރާމްގައި އިސްކޮށް ހުންނެވި ޑރ. ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 12 ހަފްތާވާއިރުު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުލިބުނަސް 6 މަސްތެރޭ ލިބިއްޖެނަމަ އަލުން ފަށަން ނުޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށެވެ.

Ad
rt

"ސަބަބަކީ އެއީ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދިފާއީ ނިޒާމު ތަމްރީނުވެ ދެވަނަ ޑޯޒް ޖެހުމުން މި ނިޒާމު ރުކުރުވާލާ ހަލުވި ކުޅަދާނަ ކަމުން،"

ޑަބްލިއުއެޗްއޯގެ ބްރީފްއެއްގެ ފޮޓޯއެއް ހިއްސާކުރި ފޮޓޯގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ޓެގް ޓީމުން ކުރީން ނިންމާފައި އޮތީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ޖަހާ ގޮތަށެވެ. އަދި ފުރަތަމަ ޑޯޒްޖަހާތާ 12 ހަފްތާ ކުރީން ޖަހަން ޖެހޭނެ ކަމަށެވެ. 12 ހަފްތާ ހަމަވެފައިވާ ވަރަށް ގިނަ ބަޔަކު މިވަގުތު ރާއްޖޭގައި އެބަތިއްބެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައުލޫމާތު ދެމުން، ޑރ އަފްޒަލް ވިދާޅުވެފައިވަނީ، ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒު ޖެހުމަށް އޮންނަ 16 ހަފްތާ ފާއިތުވެގެން ދިޔަނަމަވެސް، ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށް އެ މުއްދަތު ފަހަނަ އަޅައިދާ ފަހުންވެސް ވެކްސިން ޖަހައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައި ހިސާބުންވެސް ކޮވިޑް 19 އިން ވަރަށް ބޮޑަށް ރައްކާތެރިކަން ލިބޭނެކަމަށް އަފްޒަލް ވިދާޅުވެފައިވެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ލައްކައަކަށް ވުރެ ގިނަ މީހުން ޖަހާފައިވަނިކޮށް، ރާއްޖެއިން ވަނީ ކޮވިޝީލްޑް ވެކްސިން ހުސްވެފައެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ 109،737 އެބަ ތިއްބެވެ.

ސިރަމް އިންސްޓިއުޓުން ރާއްޖެއަށް ފޯރުކޮށްދެން ޖެހޭ 10،0000 ކޮވިޝީލްޑް ވެކްސިން ފޯރު ކޮށްދީފައި ނުވާތީ ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ސަރުކާރުން ދަނީ ކަމާއި ގުޅޭ އިދާރާތަކާއި އެކުގައި ކޮވިޝީލްޑް ވެކްސިން އިންޑިއާ އަތުން ގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެސްޓްރަޒެނެކާ އަދި އޮކްސްފޯޑުން އުފައްދާފައިވާ ކޮވިޑް ވެކްސިން، ކޮވިޝީލްޑުގެ ނަމުގައި އުފައްދަމުންދަނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިން ދޭން ފެށީ މި އަހަރުގެ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހު އެވެ. މިހާރު ކޮވިޑްގެ ތިން ވައްތަރެއްގެ ވެކްސިން ރާއްޖޭގައި އަންނަނީ ބޭނުންކުރަމުންނެވެ. އެއީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިގެ ސިނޮފާމް ވެކްސިންގެ އިތުރުން ޖަރުމަނުގެ ފައިޒާ ވެކްސިނެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ދީފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ.