އަނިޔާވެރި އިޒްރޭލްގެ ލާއިންސާނީ އުދުވާނުތަކުގެ ސަބަބުން އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީވުމަށް ހއ. ދިއްދޫގައި ރައްޔިތުންގެ ފަރާތުން ގިނަ އަދަދެއްގެ ފައިސާ އެއްކޮށްފިއެވެ.
ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގުނު ފައިސާ ހޯދުމުގެ ހަރަކާތް ކުރިއަށް ދިޔައީ 25 މެއި އިން 6 ޖޫން އަށެވެ. މިއީ "ދިއްދޫ ފަލަސްތީނާއެކު" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ދިއްދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީ ވުމަށް ހިންގުނީ ހިމޭން ހަރަކާތެކެވެ. ސަބަބަކަށް ވެފައި އޮތީ ކޯވިޑްގެ ސަބަބުން ދިގު ފުރަބަންދަކާ އެރަށަށް ކުރިމަތިވުމުންނެވެ. މެއި 1 ވަނަ ދުވަހު ފުރަބަންދުގެ ހާލަތަށް ގެނައި ދިއްދޫ އެ ހާލަތުން ވީއްލީ މެއި 34 ދުވަސްފަހުން މިމަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.
ނަމަވެސް މިދަތި ވަގުތުގައި ވެސް ދިއްދޫ ރައްޔިތުން ވަނީ އެ ރައްޔިތުންގެ ހިތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ދައްކުވައި ދީފައެވެ. މިގޮތުން ފަލަސްތީނަށް ހަދިޔާ ކުރުމަށް ދިއްދޫ ރައްޔިތުންގެ ފަރާތުން ވަނީ 155،682.24 ރުފިޔާ އާއި 25 އެމެރިކާ ޑޮލަރު އެއްކޮށްފައެވެ.
ފަލަސްތީނަށް އެހީވުމަށް ދިއްދޫ ރައްޔިތުންގެ ފަރާތުން ހަދިޔާ ކުރާ ފައިސާ އެއްކުރުމުގައި އިސްނަގައި ހަރަކާތްތެރިވެފައި ވަނީ އެ ރަށުގެ މިޑްލް ސްޕޯޓްސް ކްލަބުންނެވެ. އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް "ތިލަދުން"އަށް ބުނީ ދިއްދޫ ރައްޔިތުންގެ ފަރާތުން ފަަލަސްތީނު ރައްޔިތުންނަށް ހަދިޔާ ކުރާ ފައިސާ، އެ ރައްޔިތުންނަށް ރައްދު ކުރުމަށް މިއަދު އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ އެކައުންޓަށް ޖަމާކުރާނޭ ކަމަށެވެ.
"ދިއްދޫއަށް ދިމާވީ ދަތި ވަގުތަކާ، އަޅުގަނޑުމެން ފައިސާ ހޯދަން ބޮޑު ހަރަކާތެއް ނުހިންގާ ވެސް މި ލިބުނީ ވަރށް ރަނގަޅު ޢަދަދެއްކަމަށް ދެކެން، މިދިޔައީ ފުރަބަންދުގެ ދުވަސްތަކެއް، އާމްދަނީ ހޯދަން ވެސް މަސައްކަތް ކުރަން ދަތިތައް ހުރެމެ، މަހަކަށްވުރެ ގިނަ ދުވަހު ރަށުބަންދާއި، ގޭ ބަންދުގައި ވެސް ތިބެގެން މިއީ ވަރަށް ބޮޑު ޢަދަދެއް، މި ހަރަކާތަށް ފައިސާ ހަދިިޔާކުރި ދިއްދޫގެ އެންމެހާ މުއައްސަސާތަކަށާއި، ރައްޔިތުންނަށް ވަރަށް ބޮޑު ޝުކުރު ދަންނަވަން" ނަޝްވާން ބުންޏެވެ.
ނަޝްވާން ބުނީ ކޯވިޑްގެ ހާލަތުގެ ސަބަބުން ފައިސާ ހޯދަން މާބޮޑު ހަރަކާތެއް ނުހިންގުނު ނަމަވެސް އެހަރަކާތަށް ފައިސާ ހޯދަން އެ ކްލަބްގެ ފަރާތުން 50 ރުފިޔާގެ ރޭޓުން 800 ފޭސް މާސްކު ވިއްކި ކަމަށެވެ. އަދި ރަށުގެ 8 ފިހާރައެއްގައާއި، 3 މިސްކިތެއްގައި ފަންޑު ފޮށި ބެހެއްޓި ކަމަށެވެ. ފޭސް މާސްކު ވިއްކައިގެންނާއި، ފަންޑު ފޮށި ބަހައްޓައިގެން ލިބުނު ފައިސާގެ އިތުރުން ދިއްދޫގެ ބައެއް މުއައްސަސާތަކުން ވެސް ވަނީ ފައިސާ ހަދިޔާކޮށްފައެވެ.
މިގޮތުން ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހއ. އަތޮޅު ކައުންސިލް، ދިއްދޫ ޕޯސްޓް އޮފީސް، އެރަށުގައި ހުންނަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރު، ފެނަކަ ދިއްދޫ ބްރާންޗް، ދިއްދޫ ޕޮލިސް ސްޓޭޝަން، ހއ. މެޖިސްޓްރޭޓް ކޯޓް އަދި ދިއްދޫ ކައުންސިލް ވަނީ މި ހަރަކާތަށް ފައިސާ ހަދިޔާކޮށްފައެވެ.
މިޑްލް ސްޕޯޓްސް ކްލަބުން ވަނީ މި ހަރަކާތަށް ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ހަދިޔާކުރި އެންމެން ޝާމިލްވާނޭހެން ދިއްދޫގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!