ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ "ފޮޓޯ ވިއްކައިގެން" މަޖިލީހަށް ހޮވުނު ބޭފުޅުން، މިއަދު އެމަނިކުފާނުގެ ހާލުގައި އޮންނެވި ދުވަހު ކަރަށް ފައިން އަރަން ދިމާކުރާނީ ވަރަށް ގޮތެއް ނެތީމައި ކަމަށް ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލު މިހެން ވިދާޅުވީ، "އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ޒަމީލްގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި" މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން މަޖިލީހުގެ ފަރާތުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ރޭ ބޭރުކޮށްލީ އެމްޑީޕީގެ 4 މެންބަރުންގެ ވޯޓާއެކުގައެވެ.

މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު އެ މައްސަލަ ހުށަހެޅުއްވީ، އެމަނިކުފާނު އަވަހާރަ ކޮށްލަން މޭމަހުގެ 6 ވަނަ ދުވަހުގެރޭ ނުރައްކާތެރި ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޖިލީހަށް ފޮނުއްވި ސިޓީގައި ޒަމީލް ސޮއިކުރައްވާފައިވާތީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ވިދާޅުވެއެވެ.

"ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން، އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިންއަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ"

އެ މައްސަލައާއި ގުޅިގެން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަށް އިޝާރާތް ކުރަށްވާ މީކާއީލް ވިދާޅުވެފައި ވެއެވެ.

މީކާއީލްގެ އިތުރުން މައްޗަށް ގޯޅި އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވެސް ވަނީ އެ ޚަބަރު ހިމަނުއްވައި ޒަމީލްގެ މައްސަލަ ބޭރުކުރަން ވޯޓުދެއްވި މެންބަރުންނަށް ފާޑު ވިދާޅުވެ ޓްވީޓް ކުރަށްވާފައެވެ.

"‏ނޫނޭވާ ސާބަސް އެމްޑީޕީ އެންޕީންނަށް.!! އިންސާނެއް ވިއްޔާ ލަދުހަޔާތުގެ ކަންފުޅެށްވެސް ހުންނަންވަާނެ. ބަޤާވާތެއް ކޮށްފައިތިބި ބައެއްގެ މަޅީގަޖެހި ބައިއަތުހިފާނީ ފިސާރި ލަދުހަޔާތް ކުޑަވީމަ. އިންތިހާބަށްވީމަ އަރިއަރި މަތީ ރައީސް ނަޝީދު ގެ ފޮޓޯ.. ހެހެހެ" ރަޝީދު ވިދާޅުވެފަވެއެވެ.

ވާޗުއަލްކޮށް ރޭ ކުރިއަށް ދިޔަ އިމްތިޔާޒް އަދި ސްލޫކު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގައި ތިއްބަވާ 13 މެންބަރުން ތެރެއިން 12 މެމްބަރުން ބައިވެރިވެވަޑައިގަތެވެ. އެ ކޮމެޓީ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީއަށެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމެކޭ އެއްގޮތަށް އެ ކޮމެޓީން ކަމެއް ފާސްކުރުމަށް އެހެން ޕާޓީއެއްގެ މެންބަރެއްގެ މަދަދެއް ބޭނުމެއް ނުވާނެއެވެ. އެ ކޮމެޓީގައި އެމްޑީޕީގެ 8 މެންބަރަކު ތިއްބަވައެވެ.