އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ގެއްލުން ވެފާވައި ފަލަސްތީނުގެ ރައްޔިތުންގެ ފަންޑަށް ހދ. ކުރިނބީ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮއްދީފި އެވެ.

މިފަންޑަށް އެހީ ހޯދުމުގެ ހަރަކާތް އެރަށުގައި ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލުން އިސްނަގައިގެން މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެންނެވެ.

Ad
rt

މިހަރާކަތުން ޖުމްލަ 164509 (އެއް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްސަތޭކަ ނުވަ ރުފިޔާ / -) އެރަށުން ހަދިޔާކުރިއެވެ. މިފަންޑަށް ދިވެހި ރުފިޔާއިން 160،500 (އެއް ލައްކަ ފަސްދޮޅަސް ހާސް ފަސްސަތޭކަ ރުފިޔާ / -) އަދި 260 ޔޫއެސް ޑޮލަރު ލިބިފައިވާކަމަށް ހާމަކޮށްފައިވެއެވެ.

މިހަރަކާތް އިންތިޒާމްކުރި ކޮމިޓީގެ މެމްބަރަކު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ބުނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން އެރަށުގެ ތިން ހިސާބެއްގައި ފަންޑުފޮށި ބެހެއްޓުނުކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. މީގެތެރޭގައި ހިމެނެނީ، ހުކުރު ދުވަހު ހުކުރު މިސްކިތުގަ އާއި، ސުކޫލު ދުވަސްތަކުގަ ކުރިނބީ ސުކޫލް އަދި ރަސްމީ ވަގުތުގައި އެރަށުގެ ކައުންސިލް އިދާރާގައެވެ.

ރަށުގައި ބެހެއްޓުނު ފަންޑު ފޮށިތަކުގެ އިތުރުން، އެ ރަށުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން ބައެއް ފަރާތްތަކުގެ އެއްދުވަހުގެ މުސާރައަށް ވުރެ ކުޑަނުވާހެން ވަނީ އެހީތެރިވެފައެވެ. ރަށުން ބޭރުގައި މަސައްކަތްކުރާ އެ ރަށުގެ ގިނަ ފަރާތްތަކުންވެސް ވަނީ މި ފަންޑަށް އެހީތެރިވެފާވެއެވެ.

ކުރިނބީ ޒުވާނުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބުންކަމަށާއި ގިނަ އަދަދެއެގެ ޒުވާނުން 500ރ އާއި 1000ރ އާއި ގާތްކުރާ އަދަދަކަށް ރުފިޔާ ހަދިޔާ ކުރިކަމަށް މި ނޫހާ ވާހަކަ ދެއްކި މެމްބަރު މައުލޫމާތު ދިނެވެ. ޚާއްސަ ގޮތެއްގައި ރިސޯޓު ތަކުގައި މަސައްކަތް ކުރާ އެރަށު ޒުވާނުންގެ ވާހަކަ އޭނާ ފާހަގަ ކުރިއެވެ.

މި ހަރަކާތް އިންތިޒާމު ކުރެވުނީ "ކުރިނބީ ކޮމިއުނިޓީ އެއިޑް" ވައިބާ ގުރޫޕު މެދުވެރިކޮށް ކަމަށާއި މިގުރޫޕުގައި މިހާރުވެސް 305 މެމްބަރުން އެބަތިބިކަމަށް މައުލޫތު ދީފައިވެއެވެ. ކުރިޔައް އޮތްތަނުގައި ކުރިނބީގާ ހިންގާނެ މިފަދަ ހަރަކާތްތަކުގައި މިގުރޫޕުގެ ބޭނުން ހިފާނެކަމަށްވެސް ފާހަގަކުރިއެވެ.

މި ހަރަކާތުން ލިބުނު ފައިސާތައް މިއަދުގެ ވަގުތެއްގައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕައިން (އައިއޭސީ) ގެ އެކައުންޓަށް ޖަމާކުރެވިފައެވެ.

އައިއޭސީ އަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމްޢިއްޔާތަކެއް އެކުވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016ވަނަ އަހަރު ރާއްޖޭގައި ފެށި ހަރަކާތެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެއް ރަށަކުން މިހާ ގިނަ އަދަދަކަށް ފަލަސްތީނު ފަންޑަށް ހަދިޔާކުރި ފަހަރެވެ.