ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް، ހދ. ވައިކަރަދޫގައި ޚާއްސަ ޙަރަކާތެ ފަށައިފި އެވެ.

މިއީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ ފުރުޞަތު ވައިކަރަދޫގެ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ނިޔަތުގައި ވައިކަރަދޫގައި ހުރި މުވައްސަސާތަކުގެ އިސްވެރިން އިސްނަގައިގެން މިއަދު ފެށި ހަރަކާތެކެވެ.

Ad
rt

މިހަރަކާތުގައި ރަށުގެ އެކި ސަރަހައްދު ތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޖުމްލަ 4 ފަންޑު ފޮއްޓެއް 4 ސަރަހައްދެއްގައި ބެހެއްޓިފައި ހުންނާނެ އެވެ. ފަންޑު ފޮށިތައް ބެހެއްޓިފައި ހުންނާނީ ޞިއްޙީ މަރުކަޒު، ހދ. އަތޮޅު މަދަރުސާ، ފެނަކަ އަދި ބަނދަރު ޑެސްކުގަ އެވެ.

މިހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަަމައަށެވެ.

ފަންޑު ފޮއްޓަށް ފައިސާ ލުމަށް ގިނަ ރައްޔިތުންނަށް ފަސޭހަ ފުރުޞަތެއް ފަހިކޮށްދިނުމުގެ ގޮތުން 4 ޖޫން ވާ ހުކުރު ދުވަހުގެ ހަވީރު ފޮށިތައް ހިފައިގެން ރަށުގެ އެކި ހިސާބުތަކަށް ދިއުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިިބިފައިވެއެވެ. މީގެ އިތުރުން އޮންލައިންކޮން އެހީފޯރުކޮށްދިނުމަށް އެކައުންޓު ނަންބަރެއްވެސް ވަނީ އާންމުކޮށްފަ އެވެ.

އެކައުންޓް ނަން: MOHAMED RABEEU
އެކައުންޓް ނަންބަރު: 7704340317001
ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: އާމިނަތު ރިޒްނާ - 9178989

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ އެތައްހާސް ބައެއް ޝަހީދު ވެފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.

މިފަހުން އިޒްރޭލުން ފަލަސްތީނުގެ ގައްޒާ އަށް ދިން ބޮމުގެ ހަމަލާތަކުގައި ގިނަ އާއިލާތަކެއްގެ ގެދޮރު ވެސް ވަނީ ބިމާހަމަވެފައެވެ.