ކޯވިޑްގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ހއ. ދިއްދޫއިން އެންމެ ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ.
ދިއްދޫގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އެރަށުން ވަނީ ހުސްވި މަހުގެ 30 ވަނަ ދުވަހު 155 ރެންޑަމް ސާމްޕަލެއް ނަގާފައެވެ.
އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ ރޭގެ ތަންކޮޅެއް ދަންވިފަހުންނެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް "ތިލަދުން"އަށް ވިދާޅުވީ، އެ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، 155 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް ކަމަށެވެ.
ދިއްދޫއިން ހުސްވި މަހުގެ 30 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވިއިރު، އެމަހުގެ 29 ވަނަ ދުވަހު ނެގި 31 ސާމްޕަލެއްގެ ތެރެއިން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ އިއްޔެއެވެ.
ދިއްދޫއިން މިހާތަނަށް 142 މީހަކަށް ބަލި ޖެހިފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 22 އެވެ. އެރަށުން ޕޮޒިޓިވްވި 2 މީހަކަށް ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޒޯން 1ގެ ކޯވިޑް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
ދިއްދޫގައި މިވަގުތިބި ކޯވިޑް ބަލިމީހުންގެ ތެރެއިން 11 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ޕޮޒިޓިވްވެފައިވާ މީހުންނެވެ. ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 10 މީހަކާއި، ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވެ 2 މީހަކު ވެސް އޭގެތެރޭގައި ހިމެނެއެވެ.
ހައިޑަވޭ ބީޗު ރިސޯޓުން ޕޮޒިޓިވްވެގެން ދިއްދޫއަށް ބަދަލުކޮށްފައިވާ ކޯވިޑް ބަލީގެ 2 މީހަކު ވެސް އެރަށުގައި އެބަތިއްބެވެ.
ދިއްދޫއިން މިހާތަނަށް 121 މީހަކު ބަލިން ރަނގަޅުވިއިރު އެކަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން އެ ދުވަހުގެ ރޭ އެރަށް މޮނިޓަރިން ހާލަތަށް ގެނައި ގޮތަށް އަދިވެސް އެރަށް އޮތީ އެހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!