ހަސީނާ ނޫނަސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންނަކީ ގޮތްހުސްވެ ހާސްކަންމަތީގައި ފިކުރުގެ ދުނިޔެއެއްގައި އުޅެން ޖެހިފައިވާ ބައެކެވެ. މިއަދުވެސް މިފަދަ ދެމައެއްގެ ވާހަކަ ކީމެވެ.
ފުރަތަމަ 8 އަހަރުގެ ކުއްޖެއްގެ މަންމައެއްގެ ވާހަކައެވެ. އޭނާގެ ދަރިފުޅަކީ މައިލްޑް އޮޓިޒަމް ހުންނަ ކުއްޖެކެވެ. ސްކޫލަށް ވައްދައިގެން ފުރަތަމަ ޖެހުނީ ދަރިފުޅަށް ޚާއްޞަ ޓީޗަރަކު ހޯދާށެވެ. ދެން ބަދަލުކުރީ އެހެން ސްކޫލަކަށެވެ. އެހެންނަމަވެސް، އެންމެފަހުން ދަރިފުޅުގެ ޝަކުވާ ސްކޫލުން ކުރާވަރުން ޖެހުނީ ސްކޫލުން ވަކިކުރާށެވެ.
މިހާރު އެމަންމަ ހުރީ ހަދާނެގޮތް ހުސްވެފައެވެ.
އަނެއް މަންމައަކީ އޭނާގެ ދަރިފުޅާމެދު ސްކޫލުން ކަންތައް ކުރާ އިހާނެތިގޮތުގެ ޝަކުވާ ސްކޫލްތަކާބެހޭ މިނިސްޓްރީގައި ކޮށްގެން އެކަމާ އެތަނުން އަޅާނުލައިގެން އެވާހަކަ ހިއްސާކުރި މަންމަ އެކެވެ.
މިފަދަ އެތައް މައެއް އެމީހުންގެ ދަރިންގެ ހައްގުގައި ގޮތްހުސްވެ ހަދާނެގޮތެއް ނެތިފައި އެބަތިއްބެވެ. މިކަމާ ދާނެތަނެއް އުޅޭނެގޮތެއް ނޭނގި މާޔޫސްކަންމަތީގައި ދުވަސްތައް ހޭދަކުރާ މައިންނެވެ. ދިރިއުޅުމުގައި ދިމާވި ބޮޑު އިމްތިހާނުގައި ކުރާ ހިތްވަރު ނުފުދިގެން އިންިތިހާގެ އިތުރު ހިތްދަތިކަން ތަހައްމަލު ކުރަން ޖެހޭ މައިންނެވެ.
އަޅުގަޑު ގަބޫލުކުރާގޮތުގައި، އެމަންމައިންނަށް ގޮތެއް ހޯދާ ދިނުމަށް އެމައިން ނިސްބަތްވް ދާއިރާގެ ކައުންސިލްތަކުން - ކައުންސިލަރުން މަސައްކަތް ކުރަންޖެހޭނެއެވެ.
ނިކަމެތިކަން ތަހައްމަލު ކުރަންޖެހިފައިވާ މީހާ، ގޮތެއް ހޯދުމަށް ނުވަތަ ހައްގާއި އިންސާފު ހޯދުމަށް އަމިއްލައަށް ހިނގަން ޖެހިގެން ނުވާނެއެވެ. އެއީ މުޖުތަމައުގެ ޒިންމާއެކެވެ. މުޖުތަމައުގެ މިފަދަ ޒިންމާ ނަގަންޖެހޭ ފަރާތަކީ އެދާއިރާއެއްގެ - ރަށުގެ ނުވަތަ ސިޓީ ކައުންސިލެވެ. ކައުންސިލަރުންނެވެ.
ސަރުކާރުގެ އިދާރާތަކަށާއި އޮފީސްތަކަށް ގުޅާ، އެމައިންގެ ވަކީލުކަން ކޮށްދޭންޖެހޭނީ ކައުންސިލުންނެވެ. އެކަންކަން ނުކުރާ ނަމަ ކައުންސިލުގެ ބޭނުމެއް ނެތެވެ. އެއީ ސަރުކާރުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އުފައްދާފައިވާ ތަންތަން ކަމަށްވާތީއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންނަށް ގޮތްހޯދައިދިިނުން ކައުންސިލްތަކުގެ ޒިންމާއަކަށް ހަދަން ޖެހެއެވެ. ތިޔަ ދާއިރާގެ މެމްބަރު ގާތުގައި އެވާހަކަ ވިދާޅުވެ ދެއްވާށެވެ. ގާނޫނަށް އިސްލާހުގެނައުމަށް އެދިވަޑައިގަންނަވާށެވެ.
ނިކަމެތިން ވެރިންގެ ގާތަށް ސަލާންޖެހަން ދާން ނުޖެހޭގޮތަށް ކަންކަން ތަރުތީބުކުރެވި އިންތިޒާމުކުރަންވީ ވަގުތު މިއޮތީ އައިސްފައެވެ. އެކަން މިއަދު ނުކޮށްފިނަމަ، އެނޫންނަމަ ޚުތުބާގައި ބުނާ މަސްއޫލިއްޔަތަށް އިހުމާލުވުމުގެ ޒިންމާ އުފުލަންޖެހޭނެކަން ކައުންސިލަށް ހަނދާންކޮށްދޭށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!