ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ތިބި 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ހަނިމާދޫ ގައި ހޯމް ކަރަންޓީން ގައި ތިބި 4 މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރިއިރު އެ މީހުން ކޯވިޑް ޕޮޒިޓިވްވެފަ ވާކަމަށެވެ.

Ad
rt

މިއާއެކު މިވަގުތު އެރަށުގަ އެކްޓިވް ކޭސްތަކުގެ އަދަދު 6 އަށް އަރާފަވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ވިދާޅުވެފަ އެވެ.

ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވިއިރު، ރާއްޖޭގެ މީހުން އުޅޭ 70 ރަށެއްގައި މިހާރު ވެސް ކޯވިޑް ބަލީގެ މީހުން އެބަތިއްބެވެ.

ރާއްޖެެއިން މީހުން މިބައްޔަށް ހުށަހެޅޭ ނިސްބަތް ދަށްވެފައި ނުވާއިރު، މިއަދު ވެސް އިތުރު 1،559 މީހަކަށް މިބަލި ޖެހުނެވެ. މިއަދު ބަލިޖެހުނު މީހުންގެ ތެރެއިން 401 މީހުންނަކީ އަތޮޅުތަކުން ބަލިޖެހުނު މީހުންނެވެ. މާލެ ސަރަހައްދުން މިއަދު ބަލިޖެހުނީ 1،135 މީހުންނަށެވެ. އަދި ރިސޯޓަކުންވެސް 20 މީހަކަށް ބަލިޖެހުނެވެ.

ޖުމްލަ 129 މީހަކު މިހާތަނަށް މި ބަލީގައި ނިޔާވެފައިވާއިރު، މިއަދުވެސް 6 މީހަކު ނިޔާވިއެވެ. މި އަހަރުގެ މިހާތަނަށް 78 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި މަހު އެކަނިވެސް 56 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.