ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު 3 ދިވެއްސަކު ނިޔާވެއްޖެ މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 129 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލީގައި މއިަދު އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ ފިރިހެނަކާއި، 68 އަހަރުގެ އަންހެނަކާއި، 79 އަހަރުގެ އަންހެނެއް ކަމަށެވެ. މިއެންމެންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންއައި ފަރާތްތަކެވެ.
އުމުރުން 79 އަހަރުގެ އަންހެން މީހާ ނިޔާވެފައިވަނީ މިއަދު އިރުއޮއްސި 6:40 ގައެވެ. އަދި 68 އަހަރުގެ އަންހެން މީހާ ނިޔާވީ މިރޭ 7:53 ގަ އެވެ. މިރޭ 8:12 ގައި ނިޔާވެފައިވަނީ 78 އަހަރުގެ ފިރިހެނެެއްކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.
މިއާއި އެކު މިބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދުވަނީ 6 އަކަށް އަރާފަ އެވެ.
މިއަހަރު ފެށުނީއްސުރެން ފެށިގެން ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް 54،000 އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު މިހާރުވެސް 22،000 އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 300 އާ ގާތްކުރާ އަދަދަކަށް މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.
ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ މިމަސްވެފައިވަނީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!