ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން "ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021" ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްޑަބްލިއުއެސްސީ ޓިމް ކަށަވަރު ކޮށްފިއެވެ.

މި މުބާރާތުގައި ކުމުންދޫގައި ހުރި ސަރުކާރުގެ ފަސް މުއައްސަސާއަކުން ބައިވެރި ވެފައިވާއިރު، މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ.

Ad
rt

މިގޮތުން އެމްޑަބްލިއުއެސްސީން ވަނީ އެ ޓީމް ކުޅުނު ތިންމެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފައެވެ. މިވަގުތު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. އެ ޓީމް ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު މުބާރާތުގެ ފުރަތަމަ ދުވަހު މި މަހުގެ 20 ވަނަ ދުވަހު އެމްޑަބްލިއުއެސްސީގެ ޓީމް ކުމުންދޫ ކައުންސިލްގެ އަތުން މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެވަނަ މެޗުގައި އެ ޓީމް ބައްދަލު ކޮށްފައިވަނީ ފެނަކައާއެވެ. އެ މެޗު އެމްޑަބްލިއުއެސްސީ ޓީމުން 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވާއިރު، ތިންވަނަ މެޗުގައި ހެލްތު ސެންޓަރ ގެ ޓީމްއަތުން އެމްޑަބްލިއުއެސްސީ މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއިންނެވެ. ގްރޫޕް ސްޓޭޖުގައި އެމްޑަބްލިއުއެސްސީ ޓީމުން ކުޅޭ ފަހު މެޗުގައި 23 ވަނަ ދުވަހުގެ ރޭ އެ ޓީމް ނުކުންނާނީ ކުމުންދޫ ސްކޫލް ޓީމާއި ދެކޮޅަށެވެ.

މިވަގުތު ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ ކުމުންދޫ ކައުންސިލުގެ ޓީމެވެ. އެ ޓީމް ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއިން އެމްޑަބްލިއުއެސްސީ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ކުމުންދޫ ހެލްތު ސެންޓަރ އާއި ބައްދަލިކޮށް 2-0 ގެ ނަތީޖައިން އެ މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ތިންވަނަ މެޗުގައި ކުމުންދޫ ސްކޫލާއި ވާދަކޮށް އެ މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމް އެއްވަރު ވެގެންނެވެ.

ފެނަކަ ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތީ އެ ޓީމް ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކުގައެވެ. ފެނަކަ ކުޅުނު މެޗުތަކަށް ބަލައިލާއިރު ފުރަތަމަ މެޗުގައި އެ ޓީމް މިމަހުގެ 20 ވަނަ ދުވަހު ބައްދަލު ކޮށްފައިވަނީ ކުމުންދޫ ސްކޫލް ޓީމާއެވެ. އެ މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ފެނަކައިންނެވެ. ދެވަނަ މެޗުގައި އެމްޑަބްލިއުއެސްސީ އަތުން ފެނަކަ ވަނީ 1-0 ގެ ނަތީޖާއިން ބަލިވެފައެވެ. ފެނަކަ ތިންވަނަ މެޗުގައި 23 ވަނ ދުވަހުގެ ރޭ ނުކުންނާނީ ހެލްތު ސެންޓަރ ގެ ޓީމާއި ދެކޮޅަށެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައި ކުޅުނު ދެ މެޗުން އެއް ޕޮއިންޓް ލިބިގެން ކުމުންދޫ ސްކޫލް ޓީމް އޮތްއިރު، ޓޭބަލްގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ޕޮއިންޓެއް ލިބިފައިނުވާ ހެލްތު ސެންޓަރގެ ޓީމެވެ. މި ދެ ޓީމަށް ފައިނަލަށް ދިއުމުގެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 26 މެއި 2021 ގައެވެ. މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ފެނެކަ ޓީމްގެ ޝިނާން އިބްރާހީމްއެވެ. އޭނާ ވަނީ ކުޅުނު ދެ މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. ލަނޑު ލިސްޓުގެ ދެވަނާގައި ކުޅުނު ތިން މެޗުން ތިން ލަނޑު ޖަހައިގެން އޮތީ އެމްޑަބުލިއުއެސްސީގެ ފަހްމަން އަބްދުލް ހަމީދެވެ. ކުމުންދޫ ކައުންސިލް ޓީމްގެ ޝުހައިލް އަދި ސްކޫލް ޓީމުގެ އަހްމަދު ޝިމާސް މި ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފެންވަރުގައި ހިންގޭ އަދި ރަށު ފެންވަރުގައި ހިންގޭ ގިނަ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑައިރެކްޓް ލޮޖިސްޓިކްސް ސާވިސްއެވެ. މި މުބާރާތުގެ ކޯސްޕޮންސާރސް އަކީ ބެސްޓް ބަޑީ އަދި ފެނަކައެވެ. މި މުބާރާތުގެ ޑްރިންކިން ޕާޓްނަރަކަށް ލޮޓަސްފިހާރަ ހަމަޖައްސާފައިވާއިރު، އެމްޑބްލިއުއެސްސީއަކީ ވެސް މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. މި މުބާރާތުގެ މީޑީއާ ޕާޓްރަނަކީ ތިލަދުން އޮންލައިން ނޫހެވެ.