ހދ. ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން "ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021" ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

ކުމުންދޫގައި ހުރި ފަސް މުއައްސަސާއަކުން ބައިވެރިވެފައިވާ މި މުބާރާތް 20 މެއި 2021 ވީ ބުރާސްފަތި ދުވަހު ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގަ ފަށާފައިވާއިރު، ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ މުބާރާތް ފައްޓަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ހަމަޖައްސާފައި ވީނަމަވެސް އެ ބޭފުޅާއަށް ހާޟިރުވެވޭގޮތް ނުވުމުގެ ސަބަބުން މި މުބާރާތް ފައްޓަވައި ދެއްވާފައިވަނީ ކުމުންދޫ ސްކޫލުގެ އިސްލާމް ޓީޗަރ އަލީ ޤާސިމެވެ.

Ad
rt

މުބާރާތުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލު ކޮށްފައިވަނީ އެމްޑަބުލިއުއެސްސީ އާއި ކުމުންދޫ ކައުންސިލު ޓީމެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އެމްޑަބުލިއުއެސްސީގެ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޑަބުލިއުއެސްސީ ޓީމްގެ ޖޯޒީ ނަމްބަރު 7 ފަހްމާން އަބްދުލް ހަމީދެވެ.

މި މުބާރާތުގެ ދެވަނަ މެޗު ބުރާސްފަތި ދުވަހުގެ ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލު ކޮށްފައިވަނީ ކުމުންދޫ ސްކޫލާއި ފެނަކައެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ފެނަކަ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަ ޓީމްގެ ޖޯޒީ ނަމްބަރ 11 ޝިނާން އިބްރާހީމްއެވެ.

މި މުބާރާތުގައި 21 މެއި 2021 ވާ ހުކުރު ދުވަހު ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ކުމުންދޫ ހެލްތު ސެންޓަރާއި ކުމުންދޫ ކައުންސިލް ވާދަކުރާއިރު ދެވަނަ މެޗުގައި ވާދަކުރާނީ އެމްޑަބުލިއުއެސްސީއާއި ފެނަކައެވެ.

ޤައުމަށް މިއަދު ދިމާވެފައިވާ ހާލަތުގެ ސަބަބުން ފެށިގެންދިޔަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރި ވެވޭގޮތް ނުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީ ވަނީ މުބާރާތުގައި ބައިވެރިވި ޓީމްތަކަށާއި އަދި މުބާރާތް އިންތިޒާމްކޮށް ހިންގާ ފަރާތަށް މިކަމާއި ގުޅިގެން ހާއްސަ މެސެޖެއް ފޮނުވާފައެވެ.

އެ މެސެޖުގައި ރާއީ ވިދާޅުވެފައިވަނީ އުއްމީދުކުރީ މުބާރާތް ފެށޭ ދުވަހު ތިފަރާތްތަކާއި މި އުފާވެރި ހަފްލާއިން ބައްދަލުވާނެ ކަމަށެވެ. އަދި މުބާރާތް އިންތިޒާމްކޮށް ހިންގާ ކުމުންދޫ ކައުންސިލާއި ބީޗްސިޓީގެ ފަރާތުން އެކަމަށް މާކުރިން ވެސް އެދިފައިވާކަމަށާއި އަދި ދެފަރާތުން އެންމެ ބޭނުންވާ ގޮތަކީ ވެސް އެއީ ކަމަށެވެ. ނަމަވެސް ގައުމު މިހާރު އޮތް ހާލަތުން އަދި ސަރުކާރުން މި ވަގުތު އަޅާފައިވާ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުންނާއި އަދި އެއީ މިވަގުތަށް ނުހަނު މުހިއްމު ސިއްހީ ފިޔަވަޅު ތަކަކަށްވުމާއި އަދި އުސޫލްތަކަށް އިހްތިރާމް ކުރުމާއި އެކު އެއީ ވަރަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށް ހުދު އަޅުގަނޑު ޒަމީރް ވެސް ގަބޫކުރާތީވެ މިގޮތަށް ނިންމީކަމަށެވެ.

ފުރިހަމަ މުބާރާތެއް ރާވާ ހިންގާއިރު މި މުބާރާތުގައި ބައިވެރި ނުވެވުމުން ރާއީ ވަނީ މުބާރާތް އިންތިޒާމްކޮށް ހިންގާ ކުމުންދޫ ކައުންސިލާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބްގެ ފަރާތުން މަޢާފަށްވެސް އެދިފައެވެ. އަދި ކާމިޔާބު ފުރިހަމަ މުބާރާތެއް އިންތިޒާމްކޮށް ކުރިއަށް ގެންދާގެންދިއުން ފާހަގަކޮށް ރާއީވަނީ ކުމުންދޫ ކައުންސިލަށާއި ބީޗްސިޓީ ސްޕޯޓްސް ކުލަބަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން މި މުބާރާތަކީ ކުޅިވަރުގެ ރޫޙާއި އަހްލާގާއި އަދި މުބާރާތް އިންތިޒާމްކޮށް ހިންގާ ފަރާތްތަކުން މުބާރާތަށް ހަދާފައިވާ ގަވާދާއި އުސޫލާއި އެއްގޮތަށް ގެންގޮސް ނިންމާލާ ނަމޫނާ މުބާރާތެއް ކަމުގައި ހެދުމަށް އެއްމެހާ ފަރާތްތަކުން މަސައްކަތް ކުރުމަށް ރައީވަނީ އެދިލައްވާފައެވެ. އަދި އެއްބައިވަންތަކަމާއިއެކު މުބާރާތްފަށައި އެއްބައި ވަންތަކަމާއިއެކު މުބާރާތް ކުރިއަށް ގެންގޮސް ނިންމާލުމަށް ރާއީ ވަނީ ނަސޭހަތްތެރިވެފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފެންވަރުގައި ހިންގޭ އަދި ރަށު ފެންވަރުގައި ހިންގޭ ގިނަ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑައިރެކްޓް ލޮޖިސްޓިކްސް ސާވިސްއެވެ. މި މުބާރާތުގެ ކޯސްޕޮންސާރސް އަކީ ބެސްޓް ބަޑީ އަދި ފެނަކައެވެ. މި މުބާރާތުގެ ޑްރިންކިން ޕާޓްނަރަކަށް ލޮޓަސްފިހާރަ ހަމަޖައްސާފައިވާއިރު، އެމްޑބްލިއުއެސްސީއަކީ ވެސް މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. މި މުބާރާތުގެ މީޑީއާ ޕާޓްރަނަކީ ތިލަދުން އޮންލައިން ނޫހެވެ.