ކުޅުދުއްފުށީ ސިޓީކައުންސިލް މެންބަރުން މަގާމުގެ ހުވާ ކުރެއްވުމާއި ގުޅިގެން، ކުޅުދުއްފުށީ ކައުންސިލް އުވާލައި، އެ އިދާރާގެ ނަން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ދެއްނެވުމެއްގައި ވިދާޅުވީ، ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުވެ، އެ ކައުންސިލުގެ މެންބަރުން މަޤާމުގެ ހުވައި ކުރައްވައިފައިވާތީ، "ތިލަދުންމަތީ ދެކުނުބުރި/ހދ. އަތޮޅު ކުޅުދުއްފުށީ ކައުންސިލް" މިއަދު އުވައިލައްވައިފި ކަމަށެވެ.
އަދި "ތިލަދުންމަތީ ދެކުނުބުރި/ހދ. އަތޮޅު ކުޅުދުއްފުށީ ކައުންސިލް" އުވައިލެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ "ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ" ގެ ނަން "ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ" ގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފި ކަމަށް ވެސް އެ ދެންނެވުމުގަ ވެއެވެ.
ކުޅުދުއްފުށީ ސިޓީ ފުރަތަމަ މޭޔަރާއި މެންބަރުން ހުވާކުރެއްވުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަގާމުގެ އިގްރާރުގައި ސޮއިކުރެއްވުން މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައި، ކައުންސިލްގެ ޑެޕިޔުޓީ މޭޔަރެއް ވެސް ވަނީ ހޮވާފައެވެ.
ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔަރަކީ މުޙައްމަދު އާތިފެވެ. ކުޅުދުއްފުށި ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރުގެ ގޮތުގައި ހޮވިފަ ވަނީ ކުޅުދުއްފުށީ ސިޓީގެ އިރު ދެކުނު ދާއިރާ ތަމްސީލް ކުރަށްވާ ޢަލީ އަޙްމަދު އެވެ.
އެކައުންސިލްގައި އިތުރަށް ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ، އުތުރު ދާއިރާ މުހައްމަދު ދާއޫދު، ހުޅަނގު އުތުރު ދާއިރާ އަހުމަދު އަބްދުﷲ، ހުޅަނގު ދެކުނު ދާއިރާ ރިލްވާން މުހައްމަދު، މެދު އުތުރު ދާއިރާ އައިމިނަތު މަޖީދާ އަދި މެދު ދެކުނު ދާއިރާ އާތިފާ އަލީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!