ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު މީހެއް ކޯވިޑް ނަވާރައަށް ޕޮޒިޓިވްވެއްޖެއެވެ.

އެ އަންހެން މީހާއަކީ ށ. ޅައިމަގު ހޯމް ކަރަންޓީނުގަ ހުރުމަށްފަހު ވިހަން ފުނަދޫއަށް ދިޔަ މީހެކެވެ. އެމީހާ ޖެހެނީ ސިޒޭރިއަންއެއް ހަދާށެވެ.

Ad
rt

ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު "ތިލަދުން"އަށް ވިދާޅުވީ، އެ އަންހެން މީހާ ޕޮޒިޓިވްކަން އެނގުނީ މިއަދު ސިޒޭރިއަންއަށް ވެއްދުމުގެ ކުރިން ކޯވިޑަށް ޓެސްޓް ކުރުމުން ކަމަށެވެ.

"އޭނާ ޅައިމަގުގަ ހޯމް ކަރަންޓީނުގައި ހުރެފަ އެޗްޕީއޭގެ އުސޫލުތަކާއެއްގޮތަށް ނަގަންޖެހޭ ހުއްދައާއިއެކު ފުނަދޫއަށް އައިސް އައިސޮލޭސަން ގައި ހުރީ، ދެން މިއަދު ސިޒޭރިއަން ހެދުމުގެ ކުރިން މި ސާމްޕަލް ނެގީ، ނަތީޖާ ލިބުނުއިރު ޕޮޒިޓިވް، އެހެންނަމަވެސް ކަނޑައެޅިފަހުރި އުސޫލުތަކާއެއްގޮަށް އޭނާ ސިޒޭރިއަން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ، މިހާރުވީ ތިއޭޓަރގަ"

ޒުމްރަތު ވިދާޅުވިއެވެ.

އެ އަންހެންމީހާގެ ފިރިމީހާގެ ސާމްޕަލް ވެސް ވަނީ ނަގާ ޓެސްޓް ކޮށްފައެވެ. ނަމަވެސް އޭނާގެ ނަތީޖާ އަދި ނުލިބެއެވެ.

ޒުމްރަތު ވިދާޅުވީ، ޕޮޒިޓިވް ޕޭޝަންޓެއް ވިހެއުމަށްފަހު ވެސް އެ ހޮސްޕިޓަލްގައި ހުންނަ ކޯވިޑް ފެސިލިޓީގައި މަޑު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފަ ހުންނަ ކަމަށެވެ.

"މި ހޮސްޕިޓަލްގަ ހުންނަ ކޯވިޑް ފެސިލިޓީގަ ވަނީ ޕޮޒިޓިވް ޕޭޝަންޓުން ވިހައިގެން ވެސް ތިބެވޭނެ ޖާގަ ވެސް ހަމަ ޖައްސާފައި، ވަސީލަތްތައް ވެސް ހުންނާނެ، އެހީތެރިޔާއަށް ވެސް ހުރެވޭނެ" ޒުމްރަތު ވިދާޅުވިއެވެ.

ޒުމްރަތު ވިދާޅުވީ، ހޮސްޕިޓަލްގައި ވަސީލަތްތައް ހުރުމުން މެނޭޖްކުރުމަށް މާބޮޑު ދައްޗެއް ނެތްކަމަށެވެ.

"މާދަމާ އެމެޖެންސީ ކޭހެއް ނައިސްފިނަމަ ތިއޭޓަރ ވެސް މެނޭޖުކުރެވޭނެ، އެ ހަމައެކަނި ދިމާވެދާނެ ދައްޗަކީ، ޕޮޒިޓިވްވި ޕޭޝަންޓްގެ ސިޒޭރިއަންއަށްފަހު ތިއޭޓަރ ޑިސްއިންފެކްޓް ކުރެވޭނެ، 24 ގަޑިއިރު ނަގާނެ އަލުން އެތަން ބޭނުންކުރަން، މާދަމާއަށް ޕްލޭން ސާޖަރީއެއްނެތް" ޒުމްރަތު ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ކޯވިޑް ޓެސްޓް ވެސް ދަނީ ކުރަމުންނެވެ. ދުވާލަކަށް 80 ސާމްޕަލް ޓެސްޓް ކުރުމުގެ ގާބިލުކަން އެ ހޮސްޕިޓަލަށް ވަނީ ލިބިފައެވެ. އެއީ ވެސް އެފަދަ ކޭސްތައް މެނޭޖުކުރަން ލިބޭ ފަސޭހައެއްކަން ޒުމްރަތު ފާހަގަ ކުރެއްވިއެވެ.

ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން، މީގެ ކުރީން ވެސް އެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި މާބަނޑުމީހެއް އެޑްމިޓްކޮށް ބަލިން ވަނީ ރަނގަޅުވެފަ ވެއެވެ. އެއީ ބަނޑަށް 36 ހަފްތާގެ ވެފައިވާ މާބަނޑު މީހެކެވެ.

ޒޯން 1 ކޮވިޑް ސެންޓަރ ހުޅުވުނީ 16 ޖުލައި 2020 ގައެވެ. އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރެވެ. ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ.

ޒޯން 1 ކޮވިޑް ސެންޓަރ ދަނީ ވަރަށް ރަނގަޅަށް މެނޭޖްކޮށް، ޚިދުމަތް ފޯރުކޮށް ދެމުންނެވެ.