ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވުމާއެކު އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ.
ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރޭ 23:04 ގައި އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
ފުނަދޫފައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެރަށް މޮނިޓަރިންގައި އޮތުމާއެކު ކޯވިޑް ބަލިއުޅޭ މިންވަރު ދެނެގަތުމަށް 127 ރެންޑަމް ސާމްޕަލެއް ނެގުނުކަމަށެވެ.
އެ ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބުނުއިރު ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފަވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރެކޭވެސް އެއްގޮތަށް ބަލިން ރައްކާތެރިވެ ތިބުމަށް ދީފައިވާ އިރުޝާދުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއެއްގޮތަށް އަމަލުކުރަމުން ގެންދިޔުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
ފުނަދޫން މިމަހުގެ 7 ވަނަ ދުވަހު ވަނީ އެރަށު ބަދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކުވެސް ޕޮޒިޓިވްވެފަ އެވެ. އެމީހުން ވަނީ ދޯނީގައި 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ. އަދި އެމީހުން ޕޮޒިޓިވްވުމާގުޅިގެން އެ ދޯނީގައި މަސައްކަތްކުރި އެރަށުގެ ވަޑިން ނިސްބަތްވާ 8 ގެއެއް ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.
މެއި 4 ވަނަ ދުވަހު އެރަށަށް ބަނދަރުކުރި، އެރަށު ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެ، އެ ފަޅުވެރިންނާއެކު އެ ބޯޓު ވެސް ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފަ އެވެ.
ފުނަދޫއިން އެރަށު ސްކޫލްގެ ދަރިވަރަކު މިމަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވްވުމުން ކަރަންޓީނުކުރި ފަރާތްތަކުގެ ތެރެއިން ރިލީޒް ސާމްޕަލް ނަގަންޖެހޭ ފަރާތްތަކު ސާމްޕަލްތައް ނެގެޓިވްވުމުން އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި 26 ގެއެއް ވެސް އިއްޔެ ވަނީ ކަރަންޓީނުން ވީއްލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!