ހއ. ދިއްދޫއާއި ށ. ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އިން އިއުލާންކޮށްފިއެވެ.

ޖޭއެސްސީ ގެ އިއުލާންގައިވާ ގޮތުން، ހއ. ދިއްދޫ، ށ. ފުނަދޫ، ބ. އޭދަފުށި އަދި ވ. ފެލިދޫ ކޯޓަށް މީހުން ހޯދަނީ މެޖިސްޓްރޭޓުންގެ މަގާމަށެވެ. އަދި ވ. ކެޔޮދޫ، ފ. ފީއަލި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ އަދި ޏ. ފުވައްމުލަކަށް ބޭނުންވެގެން ހޯދަން ޢިއުލާން ކޮށްފަ ވަނީ އިސް މެޖިސްޓްރޭޓުން ނެވެ.

Ad
rt

މެޖިސްޓްރޭޓްގެ އަސާސީ މުސާރައާއި، ލިވިންގ އެލެވެންސް އަދި ރިސްކް އެލެވެންސްގެ ގޮތުގައި 23،450 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، އިސްމެޖިސްޓްރޭޓަށް 25،600 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އެފަރާތްތަކަށް، ފޯން އެވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުން މަޖިލީހުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ލިބިދެވޭނެ ކަމަށް ޖޭއެސްސީގެ އިއުލާންގައިވެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޖޭއެސްސީގެ އިއުލާންގައި ބަޔާންކޮށްފައިވެއެވެ.

މިހިނގާ މެއި މަހުގެ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަރުތު ހަމަވާ ފަރާތްތަކުން ނުވަތަ މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅައި ފޯމާއި ލިޔުންތައް ޖޭއެސްސީގެ އީމެއިލް އެޑްރެހަށް ފޮނުވުމަށް އެ ކޮމިޝަނުންގެ ފަރާތުން އެދެއެެވެ.